ދިވެހި ވިޔަފާރިވެރިންނަށް ލަންކާގައި އިންވެސްޓުކުރުމަށް ދައުވަތު ދެއްވައިފި
29 ޖުލައި 2025 - 05:52

ސްރީ ލަންކާގައި ބޭރުގެ އިންވެސްޓަރުންނަށް އިތުބާރުކުރެވޭނެ މާހައުލެއް އެބައޮތް ކަމަށް ވިދާޅުވެ ލަންކާގައި އިންވެސްޓުކުރަން ދިވެހި ވިޔަފާރިތަކަށް އެ ގައުމުގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކެ ދައުވަތު ދެއްވައިފި އެވެ.
ލަންކާގެ ރައީސް ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރާއްޖެ އާއި ލަންކާއާ ދެމެދު ކުރި މަޝްވަރާތަކަށް ފަހު ނެރުނު ދެ ގައުމުގެ ގުޅިފައިވާ ބަޔާނުގައި ލަންކާގެ ރައީސް ވިދާޅުވީ އެ ގައުމުގައި ވިޔަފާރި އާއި އިންވެސްޓްމަންޓަށް ފަހި މާހައުލެއް ގާއިމުވެފައި އެބައޮތް ކަމަށާއި ލަންކާއިން ހުރިހާ ވިޔަފާރިވެރިންނަށް ވެސް މަރުހަބާ ކިޔާނެ ކަމަށެވެ.
ލަންކާގައި މަސްވެރިކަމާއި، އުމްރާނީ ތަރައްގީ، އައިޓީ ފަދަ މުހިންމު ދާއިރާތަކުން އިންވެސްޓް ކުރުމުގެ ފުރުސަތު އޮތްކަން ލަންކާގެ ރައީސް ފާހަގަ ކުރެއްވިއެވެ.
މީގެ އިރުން ފަތުރުވެރިކަމަކީވެސް ދެ ގައުމުގެ އިގުތިސާދުގައި މުހިންމު ދައުރެއް އަދާކުރާ ސިނާއަތަކަށްވާއިރު، އެ ދާއިރާއިން ދެ ގައުމުގެ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާބެހޭ ގޮތުން ވެސް ރައީސް މުއިއްޒާ އެކު މަޝްވަރާކުރެއްވިކަން ލަންކާ ރައީސް ފާހަގަކުރެއްވިއެވެ.
މިއީ، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސްރީލަންކާގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޑިސަނާޔަކެ ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންނެވީ ހޯމަދުވަހުގެ ހެނދުނުއެވެ.
ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 26 ޖުލައި 1965 ގައެވެ. އަދި މިއަހަރަކީ ދެ ޤައުމުގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރުނު ތާރީޚީ މުނާސަބާ ފާހަގަކުރާ އަހަރުވެސްމެއެވެ.