ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި
29 ޖުލައި 2025 - 11:36
.png&w=3840&q=75)
ސިވިލް ސަރވިސް ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފިއެވެ. މިއީ އެ ކޮމިޝަންގެ ތިން މެމްބަރެއްގެ މެމްބަރުކަމުގެ މުއްދަތު ހަމަވާތީ، ހުޅުވާލި ފުރުޞަތެކެވެ.
އެގޮތުން، އެ ކޮމިޝަނަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، މިއަދުން ފެށިގެން 2025 އޮގަސްޓު 12 ވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އަދި 6 ޖުލައި 2025 ގައި އެ ކޮމިޝަނުން ކޮށްފައިވާ އިޢުލާނާ ގުޅިގެން އެ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތި ފަރާތްތަކުގެ ފޯމާއި އެންމެހާ ލިޔުންތައްވެސް ބަލައިގެންފައިވާކަމަށް މިއަދު ކޮށްފައިވާ އިޢުލާނުގައި ވަނީ ބުނެފައެވެ.
ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 12 ވަނަ މާއްދާގައި، ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކުރާ މީހުންގެ ކިބައިގައި، ތިރީގައިވާ ސިފަތައް ހުންނަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
(ހ) ދިވެހި ރައްޔިތަކު ކަމުގައިވުން.
(ށ) މުސްލިމަކު ކަމުގައިވުން.
(ނ) ބުއްދި ސަލާމަތުން ހުރުން.
(ރ) އުމުރުން 30 އަހަރު ވެފައިވުން.
(ބ) އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއްކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން، އަދި ޖިނާއީ ކުށެއް ކުރިކަން، ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، ޝަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން.
(ޅ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބު ކުރެވޭ މަޤާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން.
(ކ) އެއްވެސް އެހެން ވަޒީފައެއް އަދާކުރާ މީހަކު ކަމުގައި ނުވުން.
(އ) ފުރަތަމަ ޑިގްރީއެއް ހާސިލުކުރުމަށްފަހު، ހިންގުމުގެ ދާއިރާއިން މަދުވެގެން 10 (ދިހައެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ މި އަކުރުގެ ބޭނުމަށްޓަކައި "ފުރަތަމަ ޑިގްރީއެއް ހާސިލުކުރުން" ކަމުގައި ބެލެވޭނީ ޤައުމީ ސަނަދުގެ އޮނިގަނޑުގައި ފުރަތަމަ ޑިގްރީއެއްކަމުގައި ބަލައިގަންނަ ސަނަދެއް ހާސިލުކޮށްފައިވާނަމައެވެ.
ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށާއި ދަރަނީގެ ރެކޯޑް ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.