މަސް ކިރުވި މިންވަރާއި މަހުގެ އެކްސްޕޯޓު އިތުރުވެއްޖެ
2 އޯގަސްޓު 2025 - 11:19

މަސްވެރިން ބާނާ މަސް ކިރުވި މިންވަރާއި މަހާއި މަހުގެ އުފެއްދުންތައް ރާއްޖެެއިން ބޭރުކުރި މިންވަރު މި އަހަރު އިތުރުވެފައިވާކަން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 45،735 މެޓްރިކްޓަނުގެ މަސްް ކުންފުނިތަކުން ގަނެފައިވެއެވެ.
މަސް ކިރުވި މިންވަރުގެ އިތުރަށް މަސް ބޭރުކުރި މިންވަރުވެސް މި މުއްްދަތުގައި ވަނީ އިތުރުވެފައެވެ. އެގޮތުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 44،877.7 މެޓްރިކްޓަނުގެ މަހާއި މަހުގެ އުފެއްދުންތައް ބޭރުކޮށްފައިވާއިރު ތާޒާކޮށް އަދި ގަނޑުކޮށް 40،745 މެޓްރިކްޓަނުގެ ކަނޑުމަސް ރާއްޖެއިން ބޭރުކޮށްފައިވެއެވެ.
ހިސާބުތަކަށް ބަލާއިރު މަހާއި މަހުގެ އުފެއްދުންތައް ބޭރުކުރި މިންވަރު 67.1 އިންސައްތަ އިތުރުވެފައިވާއިރު ތާޒާ ކަނޑުމަހާއި އަދި ގަނޑުކޮށްގެން ކަނޑު މަސް ބޭރުކުރި މިންވަރު 80.8 އިންސައްތަ ވަނީ އިތުރުވެފައެވެ.
މަސްވެރިން ބާނާ މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި އެ ފައިސާ މަސްވެރިންނަށް ޖަމާކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދެކެވެ.
ރިޔާސީ އިންތިޚާބުގައި ވައުދުވެ ވަޑައިގެންނެވި ގޮތަށް މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރު ތެރޭ ފައިސާ ދޫކުރަން ފައްޓަވާފައިވަނީ 10 ޑިސެމްބަރުން ފެށިގެންނެވެ.