ހައިކޯޓަށް ޝަހީދު އައްޔަނު ކުރުން ހުއްޓުވަން ހުށަހެޅި މައްސަލަ ބަލައިގެންފި، ހުވާކުރުން މިރޭ
3 އޯގަސްޓު 2025 - 05:29

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދު އައްޔަނު ކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފި އެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަމުން ހުސްވި ދެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޖޭއެސްސީން ނިންމީ މި މަގާމަށް ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމުގައި މި ފަހަކާ ޖެހެންދެން ހުންނެވި މުހައްމަދު ޝަހީދުގެ އިތުރުން ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އައްޔަނުކުރެއްވުމަށެވެ.
ޝަހީދު ހައި ކޯޓަށް އައްޔަންކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި ކޯޓަށް ހުށަހެޅީ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ވަކީލް އަހުމަދު ނައުޝާދެވެ.
އެ މައްސަލަ ކޯޓުން މިއަދު ބަލައިގެންފައިވީ ނަމަވެސް ވަގުތީ އަމުރެއް ނެރުމާ މެދު އަދި ވަކި ގޮތެއް ނުނިންމަ އެވެ.
މައްސަލަ ބަލައިގެން ނަމަވެސް ހައި ކޯޓަށް އަލަށް އައްޔަންކުރާ ފަނޑިޔާރުން މިރޭ ހުވާކުރާގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން- ޖޭއެސްސީއިން ވަނީ ނިންމާފައެވެ.
ޖޭއެސްސީން މީޑިއާތަކަށް ފޮނުވި ދައުވަތުގައި ބުނީ ފަނޑިޔާރުން ހުވާކުރުން މިރޭ 8:30 ގައި އޮންނާނެ ކަމަށެވެ.