76 ޕޮއިންޓަށްވުރެ މަތިން ލިބި ގުރުއަތު ނުނަގައި ތިބި މީހުންނަށް ފްލެޓް ހަމަޖައްސައިދެނީ
4 އޯގަސްޓު 2025 - 12:02

ގެދޮރުވެރިޔާ ސްކީމްގައި 76 މާކްސް އަށް ވުރެ މަތިން ލިބުނު ބަޔަކަށް ފްލެޓް ކަނޑަނާޅައި އެއަށް ވުރެން ދަށުން 75 މާކްސް ލިބުނު ބަޔަކަށް ގުރުއަތު ނަގައި ފްލެޓް ކަނޑައަޅާފައިވާ މައްސަލަ ފެންމަތިވެއްޖެ އެވެ.
ހައުސިން މިނިސްޓްރީން ބުނީ ގެދޮރުވެރިޔާ ސްކީމުން ލިބޭ ފުލެޓްތައް ކަނޑައެޅުމަށް 2023 ނޮވެންބަރު 16 ވަނަ ދުވަހު ކުރިއަށްގެންދިޔަ ގުރުއަތު ނެގުމުގައި، 76 އަށް ވުރެ މަތިން މާރކްސް ލިބި ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާ ފަރާތްތަކެއް ހުރިކަމަށް ފާހަގަކުރެވިފައިވާކަމަށެވެ. އަދި 76 ( އަށް ވުރެ މަތިން މާރކްސް ލިބިފައިވާ ބައެއް ފަރާތްތަކަށް ފުލެޓް ކަނޑައަޅާފައިނުވަނީސް، 75 ( އަށް ވުރެ މަތިން މާރކްސް ލިބުނު ބައެއް ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތުނަގައި އެފަރާތްތަކަށް ފުލެޓް ކަނޑައަޅާފައިވާކަންވެސް ފާހަގަކުރެވިފައިވާކަމަށް ވުޒާރާއިން މައުލޫމާތުދިނެވެ.
އެހެންކަމުން ކުރީގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ނިންމިގޮތަށް އިޢުލާނުން 76 މާރކްސް އަށްވުރެ މަތިން ލިބުނު ފަރާތްތަކަކީ ފްލެޓް ލިބޭނެކަމަށް ކަނޑައަޅާފައިވާ ފަރާތްތަކަށްވާތީ، އެ ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައަޅައި އެ މަރްޙަލާ ނިމުމުން، 75 މާރކްސް ލިބުނު ފަރާތްތަކުގެ ފްލެޓާއި ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް ވުޒާރާއިން ބުނެއެވެ.
ގެދޮރުވެރިޔާ ސްކީމުން ފުލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމާއި އެފަރާތްތަކަށް ފުލެޓް ޙަވާލުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، ފުލެޓް ލިބުނު ފަރާތްތަކުގެ މަޢުލޫމާތު ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފް.ޑީ.ސީ) އާއި ޙިއްސާކުރުމުގެ މަސައްކަތް ވުޒާރާއިން މިހާރު ދަނީ ކުރަމުންނެވެ.
ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ މި ފްލެޓްތަކުގެ ދާއިމީ ލިސްޓް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނެރުނުއިރު މި ސަރުކާރުންނިންމީ އެ ލިސްޓުގައި ތިބި މީހުންގެ ތެރެއިން މައްސަލައެއް ނެތް އެންމެންނަށް ފްލެޓު ދޭށެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، ތަޅުދަނޑި ހަވާލުކުރަނީ ފްލެޓަށް ދައްކަން ޖެހޭ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުންނެވެ. މި ސްކީމްގެ ދަށުން ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15،000ރުފިޔާ ދައްކަންޖެހޭއިރު ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް 25،000ރުފިޔާ ދައްކަންޖެހެއެވެ.