ބާ އިމްތިހާނަށް 20 އިންވިޖިލޭޓަރުން ހޯދަނީ
10 އޯގަސްޓު 2025 - 10:29

ދިވެހިރާއްޖޭގެ ބާ ކައުންސިލުން އިންތިޒާމުކޮށްގެން އަންނަ އަހަރުގެ އޮކްޓޫބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ބާ އިމްތިޙާނަށް 20 އިންވިޖިލޭޓަރުން ހޯދުމަށް އިއުލާންކޮށްފިއެވެ.
އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކަށް ކޮންމެ ސެޝަނަކަށް 300 ރުފިޔާގެ އެލަވަންސެއް ދޭނެކަމަށް ބާ ކައުންސިލުން ބުނެފައިވެއެވެ. އަދި މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ އިމްތިޙާނަށް ދަރިވަރުން ތައްޔާރުކޮށްދޭ ނުވަތަ އެ އިމްތިޙާނުގައި ބައިވެރިވާ ކުދިންނަށް ކިޔަވައިދޭ މީހަކަށް ވެގެން ނުވާނެއެވެ.

Ad by Hajj Corporation
ބާ ކައުންސިލުން އާދިއްތަ ދުވަހު ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން، މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ ދިވެހި ރައްޔިތުންނަށްވުމާއެކު، އުމުރުން 18 އަހަރު ފުރިފައިވާ މީހުންނަށް ވާންޖެހެއެވެ. އަދި އިމްތިޙާނު އޮންނަ ދުވަހުގެ ހުރިހާ ދަންފަޅިއަކަށް ނުކުމެވޭނެ މީހަކަށްވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ އޮންލައިންކޮށެވެ. އަދި އެޕްލިކޭޝަނާއެކު ވަނަވަރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި އިންވިޖިލޭޓްކުރުމުގެ ތަޖުރިބާ ހާމަކޮށްދޭ ލިޔުންތައް ހުށަހަޅަންޖެހޭނެއެވެ.
އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 2025 ވަނަ އަހަރުގެ އޮގަސްޓް 28 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 15:00 އެވެ.


