އެމަޖެންސީ ހާލަތަކަށް ތައްޔާރުވެ ތިބުމަށް ވީއައިއޭގައި ބާއްވާ ހަރަކާތް ސެޕްޓެމްބަރު މަހު ބާއްވަނީ
14 އޯގަސްޓު 2025 - 10:32

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ދިމާވެދާނެ އެމަޖެންސީ ހާލަތަކަށް ތައްޔާރުވެ ތިބުމަށް ބާއްވަމުން އަންނަ ހާއްސަ ހަރަކާތް އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ތައްޔާރުވެއްޖެއެވެ.
މޯލްޑިވްސް އެއާޕޯޓު ކޮމްޕެނީ ލިމިޓެޑް - އެމްއޭސީއެލްއިން ބުނީ އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް) އަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވީއައިއޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒު ކުރާކަން ކަށަވަރު ކުރުމަށް ލާޒިމުކުރާ ހަރަކާތެއްކަމަށެވެ.

Ad by Hajj Corporation
ވީއައިއޭގައި ގަވާއިދުން ބާއްވަމުން އަންނަ މި ހަރަކާތަކީ ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ބާއްވާ އެންމެ ބޮޑު ހަރަކާތެވެ. މި ހަރަކާތް މި އަހަރު ބާއްވަން ތައްޔާރުވަމުން އަންނަނީ 8 ސެޕްޓެމްބަރު 2025ގައެވެ.
މި ހަރަކާތުގެ ބޭނުމަކީ ދިމާވެދާނެ އެމަޖެންސީ ހާލަތެއްގައި ވީއައިއޭގެ އެމަޖެންސީ ޕްލޭން އަދި ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖާސްތަކާއި އެ ހަރަކާތުގައި ބައިވެރިވާ އެއާލައިންގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓުކުރުންކަމަށް އެމްއޭސީއެލްއިން މައުލޫމާތުދެއެވެ.
ވީއައިއޭގައި އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް) އެންމެ ފަހުން ބޭއްވީ 2022 ވަނަ އަހަރު އެވެ. އެ އަހަރު އެއާޕޯޓުގެ އެކި ދާއިރާތަކާއި ސިއްހީ ހިދުމަތްދޭ ތަންތަން ހިމެނޭ ގޮތުން 30 އިދާރާއަކުން 400 އަށްވުރެ ގިނަ ފަރާތުން މި ހަރަކާތުގައި ބައިވެރިވިއެވެ.