ޗައިނާއިން ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި
31 އޯގަސްޓު 2025 - 03:59

ޗައިނާއިން ރާއްޖޭގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކަށްފަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނު ޗައިނާއަށް ވަޑައިގެންނެވުމުން އެ ގައުމުން އެމަނިކުފާނަށް ދެންނެވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވާފައެވެ.

Ad by Hajj Corporation
މި ބައްދަލުކުރެއްވުމުގައި ރާއްޖެއާ ޗައިނާއާ ދެމެދު އޮތް ގުޅުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.
ރައީސް ޝީއާ ބައްދަލުކުރައްވައި ދެ ގައުމު ގުޅިގެން މިހާރު ކުރިއަށްގެންދާ މަޝްރޫއުތައް އަވަސް ކުރުމާ ގުޅޭގޮތުންނާއި ދެ ގައުމު ގުޅިގެން މަސައްކަތް ކުރެވޭނެ އިތުރު ދާއިރާތަކުން މަޝްވަރާކުރެއްވިކަން ރައީސް މުއިއްޒު ވަނީ ހާމަކުރައްވާފައެވެ. ރައީސް ވިދާޅުވީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުމަކީ ޒަމާންވީ ގާތް ރަހުމަތްތެރިކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަމަށެވެ.
ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ "ޗައިނާ-މޯލްޑިވްސް ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް 2024-28" އިޝާރާތް ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި އިސްތިރާޖީގެ ދަށުން ދެ ގައުމުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށް، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.
އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާއި، އިންވެސްޓްމަންޓުގެ ދާއިރާއާއި، ސަލާމަތީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދެ ގައުމުގެ ދެމެދުގައި މަޝްވަރާތައް ކުރެވިފައިވާއިރު ރާއްޖޭގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ޗައިނާގެ ރައީސް ދެއްވިކަމަށް ސަރުކާރުން މައުލޫމާތުދެއެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގ ގެ ދަޢުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް އެ ޤައުމަށް ރައީސް މުއިއްޒު ކުރައްވާ ރަސްމީ ދަތުރުފުޅުގައި މޫސުމަށް އަންނަ ބަދަލުތަކާއި، އިސްތިރާޖީ ސަބަބުތަކާހުރެ އިޤްތިޞާދުތައް ރޫޅިގެންދާދިއުމާއި، ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ފަދަ މައްސަލަތަކަށް ހައްލު ހޯދުމުގައި ބައިނަލްއަޤުވާމީ އެއްބާރުލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެސް.ސީ.އޯ ޕްލަސް ބައްދަލުވުމުގައި އެ މަނިކުފާނު ބަޔާނެއް އިއްވެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އެސް.ސީ.އޯ އަކީ ޔޫރޭޝިޔާ ސަރަޙައްދުގެ ސިޔާސީ، އިޤްތިޞާދީ އަދި ދިފާޢީ ކަންކަމަށް އަމާޒުކޮށްގެން، އެ ސަރަޙައްދުގެ 6 ޤައުމަކުން އެކުލަވާލާފައިވާ ސަރަޙައްދީ ޖަމުޢިއްޔާއެކެވެ. 2001 ވަނަ އަހަރު އެ ޖަމުޢިއްޔާ އުފައްދާފައިވަނީ، ޗައިނާ، ރަޝިޔާ، ކަޒަކްސްތާން، ކިރްގިސްތާން، ތަޖިކިސްތާން އަދި އުޒްބެކިސްތާނުންނެވެ. ޖިއޯގްރަފީ އާއި އާބާދީގެ ނިސްބަތުން ދުނިޔޭގެ އެންމެ ބޮޑު ސަރަޙައްދީ ޖަމުޢިއްޔާކަމުގައިވާ އެސް.ސީ.އޯ ގައި މިހާރު 10 މެންބަރު ޤައުމު ހިމެނެއެވެ.
މިދަތުރުފުޅަކީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންފަހުން އެމަނިކުފާނު ޗައިނާއަށް ކުރައްވާ ރަސްމީ ދެވަނަ ދަތުރުފުޅެވެ.