ފުލުހުންނަށް މިދިޔަ އޮގަސްޓު މަހު އެންމެ ގިނައިން ހުށަހެޅި ވައްކަމުގެ މައްސަލަ
2 ސެޕްޓެމްބަރު 2025 - 04:42

މިދިޔަ އޮގްސްޓު މަހު އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތައް ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޖުލައި މަހުވެސް އެންމެ ގިނައިން ރިޕޯޓްކުރީ ވައްކަމުގެ މައްސަލަތަކެވެ.

Ad by Hajj Corporation
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ޖުލައި މަހާ އަޅާބަލާއިރު މިނިމުނު އޮގަސްޓުމަހު ހުށަހެޅި މައްސަލަތަކުގެ ޖުމްލަ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން އޮގަސްޓު މަހު ފުލުހުންނަށް ޖުމްލަ 972 މައްސަލައެއް ހުށައެޅިއިރު، ޖުލައި މަހު ހުށަހަޅާފައިވަނީ 939 މައްސަލައެވެ.
އޯގަސްޓު މަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން ވައްކަމުގެ 303 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތަކެވެ. އެގޮތުން ޓްރެފިކް އެކްސިޑެންޓުގެ 236 މައްސަލަ ހުށަހަޅާފައިވާއިރު މަސްތުވާތަކެއްޗާ ގުޅޭ 187 މައްސަލެއެއް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން އެއްޗެހި ގެއްލިގެން 90 މައްސަލައާ، މުދަލަށް ގެއްލުން ދިނުމުގެ 44 މައްސަލައާ، އަނިޔާގެ 45 މައްސަލައާ، ޖިންސީ ގޯނާ ކުރުމުގެ 19 މައްސަލައާ، ފޭރުމުގެ 21 މައްސާލައާ، ފޯޖް ކުރުމުގެ 11 މައްސަލަ ހުށަހަޅާފައި ވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މިދިޔަ ދެމަހުވެސް ވައްކަމުގެ މައްސަލަަތައް އިތުރުވެފައިވާއިރު، މިއަހަރުގެ މިހާހަތަނަށް ވައްކަމުގެ ޖުމްލަ 2،169 މައްސަލައެއް ހުށައަޅާފައި ވެއެވެ. މިދިޔަ އަހަރުވެސް ފުލުހުންނަށް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ވައްކަމުގެ މައްސަލަތަކެވެ.