މޯލްޑިވްސް ޖޫނިއަރ އޯޕަން 2025 ބެޑްމިންޓަން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
7 ސެޕްޓެމްބަރު 2025 - 05:35

"ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން 2025" ބެޑްމިންޓަން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
ކުޅިވަރު އެކުވެނި، ބެޑްމިންޓަން ހޯލްގައި ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުގައި "ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން 2025" ބެޑްމިންޓަން މުބާރާތުގެ ފައިނަލް ދެމެޗް އެމަނިކުފާނު ވަނީ ބައްލަވާލައްވާފައެވެ.

Ad by Hajj Corporation
ފައިނަލް ދެމެޗުގެ ތެރެއިން ފުރަތަމަ މެޗުގައި "މާލޭ" ޓީމާއި "އޭދަފުށީ" ޓީމް ވާދަކޮށްފައިވާއިރު، ދެވަނަ މެޗުގައި ވާދަކޮށްފައިވަނީ "ހުޅުދޫ ބޯއީ" އާއި "އިންޑިއާ" އެވެ.
މި ރަސްމިއްޔާތުގައި މި މުބާރާތުގެ، ޗެމްޕިއަނުންނަށް އިނާމާއި، ހަނދާނީ ލިޔުމާއި މެޑަލް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. މީގެ އިތުރުން، އަންހެން ސްޕެޝަލް އޮލިމްޕިކްސް ސިންގަލްސް އާއި ފިރިހެން ސްޕެޝަލް އޮލިމްޕިކްސްއަށް މެޑެއްޔާއި ޓްރޮފީ ހަވާލުކުރުންވެސް އޮތެވެ. އަދި، "ސްޕެޝަލް އޮލިމްޕިކްސް ސިންގަންލްސް" ގައި ބައިވެރިވި ކުޅުންތެރިންގެ އަގުވަޒަންކުރުމުގެ ގޮތުން، މެޑެއްޔާއި ޓްރޮފީވެސް ވަނީ ދީފައެވެ.
ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާއިން ދިވެހިންނަށް އޮތް ފުރުސަތުތައް އިތުރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ވަނީ ގިނަ މަޝްރޫޢުތަކެއް ހިންގަގަވަން ފަށްޓަވާފައެވެ.
އެގޮތުން ރާއްޖޭގައި ބައިނަލްއަޤްވާމީ މުބާރާތްތައް ބޭއްވުމާއި، ކުޅިވަރުގެ ދާއިރާގައި އެންމެންނަށް ހަމަހަމަކަން އޮންނާނެކަން ކަށަވަރުކުރުމަށް ގިނަ ފިޔަވަޅުތަކެއް މިހާރު ދަނީ ތަންފީޒުކުރައްވަމުންނެވެ.