ޝަރުއީ ދާއިރާގެ މާލީ މިނިވަންކަން ކަށަވަރުކުރަން ދައުލަތުން ބްލޮކް ގްރާންޓު ދެނީ
11 ސެޕްޓެމްބަރު 2025 - 04:44

ރާއްޖޭގެ ޝަރުއީ ދާއިރާގެ ފުރިހަމަ މާލީ މިނިވަންކަން ކަށަވަރު ކުރުމަށް ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ބްލޮކް ގްރާންޓުގެ ގޮތުގައި ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނިންވައިފިއެވެ.
ރައީސް މިގޮތަށް ނިންމެވީ ބުދަ ދުވަހު ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުއެވެ.

Ad by Hajj Corporation
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޝަރުއީ ދާއިރާ މިނިވަންކަމާއެކު ކުރިއަށްގެންދިއުމަށް އެންމެ މުހިންމު ކަމަކީ އެ ދާއިރާއަށް މާލީ މިނިވަންކަން ލިބިގެންދިއުން ކަމަށެވެ. އެކަމަށް މަގުފަހިކުރުމަށްޓަކާ ކުރެވެމުންދާ ކަންކަމުގެ ތެރެއިން މާލީގޮތުންނާއި އިދާރީގޮތުން މިހާތަނަށް ނެތް މިނިވަންކަން އަންނަ އަހަރަށް ދައުލަތުން ފާސްކުރާ ބަޖެޓުން ފެށިގެން ލިބިގެންދާނެ ބޮޑު ބަދަލެއް ގެންނެވުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ޝަރުޢީ ދާއިރާއަށް ކަނޑައަޅުއްވައި، އެ ފައިސާ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި ބްލޮކް ގްރާންޓް ދެވޭނީ ޝަރުޢީ ދާއިރާގެ ފުރިހަަމަ މާލީ ބާރު ހިނގާނެ ނިޒާމެއްގެ ތެރެއިން ހަރަދު ކުރުމުގެ ފުރިހަމަ މިނިވަންކަން ލިބޭގޮތަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޝަރުއީ ދާއިރާއަށް ކަނޑައަޅުއްވާ އިންސައްތައަކީ މިހާތަނަށް ޝަރުޢީ ދާއިރާއަށް ކަނޑައެޅިފައިވާ ބަޖެޓު ސީލިންތަކަށްވުރެ ބޮޑު އަދަދެއް ކަމަށް ކަނޑައަޅުއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި މިކަމަށްޓަކާ ޤާނޫނީގޮތުންނާއި، ފަންނީ ގޮތުންނާއި ނިޒާމީގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް މީގެކުރިން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ސަރުކާރުން ރާއްޖޭގެ ޝަރުއީ ނިޒާމަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށާއި އެފަދަ ކަމެއް ކުރާ ބޭފުޅަކު، ސަރުކާރުގެ މަގާމެއްގައި ހުރެއްޖެ ނަމަ، މަގާމުން ވަކި ކުރައްވާނެ ކަމަށެވެ. އެގޮތުން، ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އެ ދާއިރާ ފުރިހަމަގޮތުގައި މިނިވަންކުރައްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.