ޤައުމީ ތަރިކަ ކުރިއަށް އޮތް ޖީލުތަކަށް ވާރުތަކޮށްދިނުމަކީ ޤައުމީ އަމާނާތެއް: ރައީސް
12 ސެޕްޓެމްބަރު 2025 - 04:39

ޤައުމީ ތަރިކަ ކުރިއަށް އޮތް ޖީލުތަކަށް ވާރުތަކޮށްދިނުމަކީ ޤައުމީ އަމާނާތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ގައުމީ ތަރިކައިގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation
ރައީސްގެ ޕޯސްޓުގައި ވިދާޅުވީ އިސްލާމްދީނާއި، ދިވެހި ބަހާއި، ދިވެހިވަންތަ ރީތި އާދަކާދަތަކާއި، ދިވެހި މަސައްކަތްތެރިކަމާއި، އާސާރީ ތަންތަނާއި ތަކެއްޗާއި، މާޒީގެ ފަޚުރުވެރި ތާރީޚަކީ ދިވެހި ޤައުމީ ތަރިކައިގެ އެންމެ އަގުހުރި ޚަޒާނާތައްކަމަށެވެ. މި ހުރިހާ ތަކެއްޗާއި ކަންކަން އަންނާން އޮތް ޖީލުތަކަށް ވާރުތަކޮށް ދިނުމަކީ ޤައުމީ އަމާނާތެއްކަމަށާއި ދިވެހި ޤައުމުގެ ދެމިއޮތުމަށްޓަކައި އަދާކުރުން ލާޒިމު ވާޖިބެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން ދިވެހިންގެ ތަރިކަ ހިމާޔަތް ކުރެއްވުމަށް ޚާއްސަ އިސްކަމެއް ވަނީ ދެއްވާފައެވެ.
އެގޮތުން ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ ނަމުގައި ޤައުމިއްޔަތުގެ އެކި ބަހާތައް ކިޔަވައިދޭ ކޮލެޖެއް އިފްތިތާހުކުރީ މި ދައުރުގެ ތެރޭގައެވެ.
ދިވެހި ޤައުމިއްޔަތުގެ އިސްވަރަކީ ރައީސުލްޖުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެކަށައަޅުއްވާފައިވާ ދިވެހި ޤައުމިއްޔަތު އިޔާދަ ކުރުމުގެ ޤައުމީ ނިޒާމުގެ މުހިންމު އެއް ގުނަވަނެވެ. ދިވެހި ޤައުމިއްޔަތުގެ އިސްވަރު އެކުލެވިގެން ވަނީ މައިގަނޑު 5 ދާއިރާއެއްގެ މައްޗަށެވެ. އެ ފަސްދާއިރާއަކީ، ދިވެހިބަހުގެ ދާއިރާއާއި ދިވެހި ތާރީޚާއި ދިވެހި ތަރިކައިގެ ދާއިރާއާއި ދިވެހި ސުމޭކުގެ ދާއިރާ އަދި ދިވެހި ފަންނުގެ ދާއިރާއެވެ.
މީގެ އިތުރުން ހއ. އަތޮޅުގައި ހުރި ތަރިކަތައް ހިމާޔަތްކޮށް އެ ތަރިކަތަކުން އާމްދަނީ ހޯދުމުގެ ޚާއްސަ މަޝްރޫއެއްވެސް ސަރުކާރުން ވަނީ ފަށްޓާފައެވެ. "ދިވެހި ޤައުމިއްޔަތު އާލާކުރުމުގެ ޤައުމީ ނިޒާމު" ގެ ތެރެއިން ދިވެހިބަހާއި ތާރީޚާއި ސަގާފަތާއި ތަރިކައާއި އާދަކާދަތަކާއި ޤައުމިއްޔަތުގެ ޢިލްމެއް އުފަންކޮށް ދިރުވައި އާލާކުރުމަށާއި، ޤައުމީ ރޫޙު އާލާކޮށް އާންމުކޮށް ދިވެހިންގެ މެދުގައި ޤައުމިއްޔަތުގެ ޢިލްމާއި ވިސްނުން އުފެއްދުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައި ސަރުކާރުންވަނީ ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒެއްވެސް އުފައްދަވާފައެވެ. އަދި ތަރިކައިގެ ދާއިރާއިން ކިޔެވުމަށް ފުރުޞަތުތައް ވެސް ސަރުކާރުން ވަނީ ހުޅުވާލާފައެވެ.