ގއ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ގާއިމްކޮށްފި
11 ސެޕްޓެމްބަރު 2025 - 07:46

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ގއ. ކޮނޑޭއާއި ކަނޑުހުޅުދޫގައި އޭޓީއެމްގެ ހިދުމަތް ފަށައި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފަސޭހައިން ބޭންކިން ހިދުމަތްތައް ދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ގއ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ގާއިމްކޮށްފިއެވެ.
މީ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރި 10 ވަނަ އަތޮޅެވެ.

Ad by Hajj Corporation
އޭޓީއެމް ހިދުމަތް ތައާރަފްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުތަކުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބާއި ބީއެމްއެލްގެ ޗެއާޕަރސަން އަހްމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ބީއެމްއެލްއިން ބުނީ އަލަށް ގާއިމުކުރެވުނު އޭޓީއެމް ސެންޓަރުތަކުން ފައިސާ ނެގުމާއި ޖަމާކުރުން ފަދަ އަސާސީ ބޭންކިންގެ ހިދުމަތްތައް 24 ގަޑިއިރު ލިބޭނެ ކަމަށެވެ. މި މަސައްކަތަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ފަސޭހައިން ވާސިލުވެވޭނެ ބޭންކިން ހިދުމަތެއް ފޯރުކޮށްދިނުމަށް ބޭންކުން ހިންގާ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ކުރެވުނު މަސައްކަތެކެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ މުހައްމަދު ޝަރީފް ވިދާޅުވީ މި އައު އޭޓީއެމް ސެންޓަރުތަކަކީ ކަސްޓަމަރުންނާ ވީހާވެސް ގާތުން ބޭންކިން ގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ ބުރަ މަސައްކަތުގެ ހެއްކެއްކަމަށެވެ. އެގޮތުން މިއަދުން ފެށިގެން ފައިސާ ނެގުމާއި ޖަމާކުރުމަށް ގއ. އަތޮޅުގެ އެއްވެސް ރަށެއްގައި ދިރިއުޅޭ މީހަކު އެހެން ރަށަކަށް ދަތުރުކުރަން ނުޖެހޭނެ ކަމަށާއި އަތޮޅުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފަސޭހައިން ވާސިލުވެވޭނެ ބޭންކިން ހިދުމަތެއް މިހާރު ކޮންމެ ރަށަކުންވެސް ލިބޭނެކަމަށް ޝަރީފް ވިދާޅުވިއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 158 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 217 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.