އިސްރާއީލު އެއްގަމުމަގުން ޣައްޒާއަށް ދޭ ހަމަލާތައް ވަރުގަދަކޮށްފައިވާތީ ދިވެހި ސަރުކާރުން އެކަން ކުށްވެރިކޮށްފި
18 ސެޕްޓެމްބަރު 2025 - 12:06

އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން މުޅި ޣައްޒާ ކޮންޓްރޯލް ކުރަން ގެންގުޅޭ ސިޔާސަތުގެ ދަށުން، ޣައްޒާއަށް އެއްގަމުމަގުން ދޭ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފައިވާތީ، ދިވެހި ސަރުކާރުން އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ޢުދުވާނު ކުށްވެރިކޮށް ސަރުކާރުން ނެރުނު ަބަޔާނުގައި ބުނީ އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުގެ މިފަދަ އަމަލުތަކުގެ ސަބަބުން ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ އިތުރަށް ހޫނުވެ، މިހާރުވެސް ޣައްޒާއަށް ކުރިމަތިވެފައިވާ އިންސާނީކާރިސާ އިތުރަށް ގޯސްވާނެ ކަމަށް ގަބޫލުކުރާކަމަށެވެ.

Ad by Hajj Corporation
އިސްރާއީލުން ކެނޑިނޭޅި ޣައްޒާގެ ކުށެއްނެތް އާއްމު ރައްޔިތުންނަށް ކުރިމަތިކުރުވާ ދަތިތަކާއި، ތަޙައްމަލުކުރަމުންދާ ވޭންދެނިވި އަނިޔާ އިތުރަށް ފުޅާވިޔަނުދީ ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން އިސްރާއީލަށް މަޖުބޫރު ކުރުމަށާއި، ޤައުމުތަކުން އެކުވެ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ. އަދި އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތެއް ކުރުމަށްވެސް ސަރުކާރުންވަނީ ގޮވާލާފައެވެ. ސަރުކާރުގެ ބަޔާނުގައިވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ އަސާސީ އުސޫލުތަކާ ޚިލާފަށް އަދި އާންމު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ކެނޑިނޭޅި ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކަކީ އަޅާނުލާ ދޫކޮށްލެވިގެންވާނެފަދަ އަމަލުތަކެއް ނޫން ކަމަށް ދެކޭކަން ހާމަކޮށްފައެވެ.
ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަޤިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖޭން އަބަދުވެސް ތާއީދު ކުރާކަން ހާމަކޮށް މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި، ޞުލްޙަވެރި ޙައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަޙައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމްކުރެވިގެންކަމުގައި ދިވެހިރާއްޖެއިން ދެކޭކަން ސަރުކާރުން ވަނީ ތަކުރާރުކޮށްފައެވެ.