ކުޅުދުއްފުށީގައި ކޮމަންވެލްތު ބީޗް ހޭންޑްބޯލް މުބާރާތް ބޭއްވޭކަމީ ދިވެހިންނަށް ލިބުނު ޝަރަފެއް: ރައީސް
18 ސެޕްޓެމްބަރު 2025 - 12:35
.jpeg&w=3840&q=75)
ކުޅުދުއްފުށީގައި ކޮމަންވެލްތު ބީޗް ހޭންޑްބޯލް މުބާރާތް ބޭއްވޭކަމީ ދިވެހިންނަށް ލިބުނު ޝަރަފެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގްވާމީ ބީޗް ހޭންޑްބޯލަ މުބާރާތް ކަމަށްވާ "ކޮމަންވެލްތު ބީޗް ހޭންޑްބޯލް ގޭމްސް" ބާއްވަން ނިންމާފައިވަނީ މިއަދުން ފެށިގެން މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކުޅުދުއްފުށީ ސިޓީގައެވެ.

Ad by Hajj Corporation
މިކަމާ ގުޅިގެން ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޅުދުއްފުށި ސިޓީގައި މިއަދު ފެށުނު ކޮމަންވެލްތު ޤައުމުތަކުގެ ފުރަތަމަ ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް ދިވެހިރާއްޖޭގައި ބޭއްވޭ ކަމީ ކުޅިވަރުގެ ބައިނަލްއަޤްވާމީ ދަނޑުތަކުގައި ދިވެހީން ޙާޞިލްކުރި ބޮޑު ކުރިއެރުމެއްކަމަށެވެ.
މި މުބާރާތުގައި ދުނިޔޭގެ އެކި ޤައުމުތަކުން ބައިވެރިވި ޓީމުތަކަށް އަދި މުބާރާތް ބައްލަވަން ރާއްޖެއަށް ޒިޔާރަތްކުރެއްވި މެހުމާނުންނަށް މަރްޙަބާ ދަންނަވައި ރައީސް ވިދާޅުވީ މިއީ، ކުޅިވަރަށް ދިވެހީން ކުރާ ލޯބި ދުނިޔެއަށް ހާމަވެ، އަދި މި ޤައުމުގެ ރީތިކަން އެތައް ބަޔަކަށް އިތުރަށް އިޝްތިހާރުވާނެ ރަނުގެ ފުރުޞަތެއްކަމަށެވެ. އަދި މި މުބާރާތަކީ އަމާން ޞުލްޙަވެރި ހިތްހެޔޮ ރައްޔިތެއް ދިރިއުޅޭ މި ރާއްޖެއަށް އެތައް ބަޔެއްގެ ޝައުގާއި ތާރީފު ލިބޭނެ މުބާރާތެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސްވަނީ މުބާރާތުގައި ބައިވެރިވި ހުރިހާ ޤައުމުތަކުގެ ޓީމުތަކުންވެސް މޮޅު ކުޅުމެއް ފެންނާނެކަމަށް އިންތިޒާރުކުރާކަން ހާމަކުރައްވައި އަދި ވަކީން ޚާއްޞަކޮށް ދިވެހި ޤައުމީ ޓީމަށް ވަރަށް ފަޚުރުވެރި ކާމިޔާބީއަކަށް އެދިވަޑައިގެންފައެވެ.
އޭޝިއަން ހޭންޑްބޯލް ފެޑެރޭޝަނާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި ކުޅިވަރާ ބެހޭ ވުޒާރާއިން މަޝްވަރާކުރުމަށްފަހު މި މުބާރާތް ކުޅުދުއްފުށީގައި ބާއްވަން ނިންމައި ކޮމަންވެލްތަށް ހުށަހެޅި ޕްރޮޕޯސަލް ބަލައިގެންފައިވާއިރު، ކުރިން ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތް ބާއްވަން އުޅުނީ މިދިޔަ އަހަރު ޕާކިސްތާނުގައެވެ. އެހެންނަމަވެސް އޭރުގެ ޕްލޭނާ އެއްގޮތަށް މުބާރާތް ބޭއްވޭ ގޮތެއް ނުވިއެވެ.