logo
Bank of Maldives

Bank of Maldives

ޚަބަރު

ރަކީދޫގެ 80 އިންސައްތަ ރައްޔިތުން ރުހޭނަމަ އެހެން ރަށަކަށް ބަދަލުކޮށްދޭނަން: ރައީސް

ޢައްފާން މުޙައްމަދު
20 ސެޕްޓެމްބަރު 2025 - 09:23
ރަކީދޫގެ 80 އިންސައްތަ ރައްޔިތުން ރުހޭނަމަ އެހެން ރަށަކަށް ބަދަލުކޮށްދޭނަން: ރައީސް

ވ. ރަކީދޫގެ ރައްޔިތުންގެ ތެރެއިން 80 އިންސައްތަ ރައްޔިތުން ތާއީދުކުރާނަމަ، އެ ރަށުގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ވ. އަތޮޅުގެ ފަހު މަންޒިލެއްގެ ގޮތުގައި ރަކީދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާޙަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރަކީދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ، މާލެ ކައިރިން އަލަށް ތަރައްޤީކުރާ ރަށަކަށް ރަށުގެ ރައްޔިތުންގެ ދިރިއުޅުން ބަދަލުކުރަން ބޭނުންވާކަމަށް ބުނެ، ރަސްމާލެ، ގުޅިފަޅު ނުވަތަ އެނޫންވެސް، ދިރިއުޅުމުގެ ވަސީލަތްތައް ފުރިހަމަ، މާލެ ކައިރި ތަނަކަށް ހިޖުރަކުރެވޭނެ މަގު ފަހިކޮށްދިނުމަށް އެދި ރައީސްއަށް ދަންނަވާފައެވެ.

އެހެންނަމަވެސް ވަގުތުން ވަގުތަށް ބަދަލުވާން ބޭނުން ނުވާކަމަށާއި ބޭނުންވަނީ، ހަމަޖެހިގެން ދިރިއުޅެވޭނެ އިންތިޒާމުތަކާއެކު ބަދަލުވާންކަމަށް އެ ރައްޔިތުން ރައީސްގެ އަރިހުގައި ދަންނަވާފައިވެއެވެ.

ރައްޔިތުން ހުށައެޅުއްވި ޚިޔާލުތަކަށް ރިޢާޔަތްކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހިޖުރަކުރުމުގައި ރައްޔިތުންގެ ޚިޔާލު ވަރަށް ސާފުވެގެން ހިނގައްޖެކަމަށެވެ. ރަށުން ހިޖުރަކުރުމަށް ރައްޔިތުން ބޭނުންވާގޮތް ދެނެގަތުމަށް، ރަސްމީކޮށް މަސައްކަތްތައް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ޚިޔާލާއެކު ރަށުން ބަދަލުވާން ނިމިއްޖެނަމަ، ރައްޔިތުން ބަދަލުކޮށްދެއްވާނީ ވަސީލަތްތަކާ ޚިދުމަތްތައް ފުރިހަމަތަނަކަށްކަމަށް ވިދާޅުވިއެވެ. އަދި ދިރިއުޅެވޭނެ ގެއާ، ހިޖުރަކުރުމަށް ސަރުކާރުން ދޭންޖެހޭ ބަދަލުވެސް ދެއްވާނެކަމަށް ވިދާޅުވިއެވެ.

އަޅުގަނޑުމެން ފޮލޯކުރާ އުސޫލަކީ، މަދުވެގެން 80 އިންސައްތަ ރައްޔިތުން ތާއީދުކުރާކަން ޔަގީންކުރަން އެބަ. އެއީ ދެން އެނޫން ގޮތަކަށް އެކަން ކުރަން އުޅެފިއްޔާ އަޅުގަނޑު ހިތުން ރައްޔިތުންގެ ވިސްނުމާ ހިލާފަށް އެ ދެވެނީ. 50 ޕަސެންޓުން ނިންމާވަރުގެ ކަންކަމެއް ނޫން މިއީ. އެހެންވީމަ 80 ވަރަކަށް ޕަސެންޓު މަތީގެ ރައްޔިތުންގެ ތާއީދު، އޭގެ މާނައަކީ މި ރަށުގެ ރައްޔިތުން. މިތާ ކޮންމެހެން ފިޒިކަލީ ދިރިއުޅޭ ވާހަކައެއް ނޫން. މި ރަށު ރައްޔިތުންގެ 80 އިންސައްތައަށްވުރެ މަތިން ތާއީދު ލިބެން ޖެހޭނެ މިކަމަށް - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު

ރަކީދޫގެ ބައެއް ރައްޔިތުން ވަނީ މާލެ ކައިރި މީހުން ދިރިއުޅޭ ރަށަކަށް ނުވަތަ ރަށް ކައިރިން ފަޅެއް ހިއްކައިގެން މީހުން އާބާދުކުރުމުގެ ޚިޔާލުވެސް ހުށައަޅާފައެވެ. މީގެއިތުރުން އެ ރަށުގެ ރައްޔިތުން ރަށަށް މިވަގުތަށް މުހިންމު ކަންކަމުގެ ގޮތުގައި ދެން ޚިޔާލު ހުށައެޅީ ރަށަށް ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކޮށްދިނުމަށެވެ. ރައީސްވަނީ އެކަން ސަރުކާރުގެ އާރްޓީއެލް ފެރީގެ ނިޒާމުގެ ތެރެއިން، އަންނަ އަހަރުގެ މާރިޗުގެ ކުރިން ހަމަޖައްސަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ.

ވ. ރަކީދޫއަކީ ރަށު ފަތުރުވެރިކަން ތަރައްޤީވެ، ކުރިއަރަމުން އަންނަ ރަށަކަށް ވާއިރު، އާބާދީއާ ތަރައްޤީ އެއްފަސްކުރުމުގެ ކަންކަން ކުރިއަށް ގެންދަވާއިރު، މިކަމަށްވެސް ސަރުކާރުން ރިޢާޔަތްކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

ރަކީދޫގެ އާބާދީއަކީ 360 އެއްހައި މީހުން ނަމަވެސް ރަށުގައި ދިރިއުޅޭ އާބާދީއަކީ 60 އެއްހާ މީހުންނެވެ. އަދި ސްކޫލް އުމުރުގެ ކުދިންވެސް ނޫޅެއެވެ. ރަށުގެ ބޮޑު އާބާދީއަކީ އުމުރުން ދުވަސްވީ މީހުންނެވެ.

ރަކީދޫއަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ވ. ރަކީދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ އޭ.ޓީ.އެމްގެ ޚިދުމަތްވެސް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ. މިއާއެކު، ފެލިދެ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީ.އެމް.އެލްގެ އޭ.ޓީ.އެމް ޚިދުމަތް މިވަނީ ރަސްމީކޮށް ދޭން ފަށާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބިލެތްދޫގައި އަލަށް އިމާރާތްކުރާ ޕޮލިސް ސްޓޭޝަންގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | ގަޑިއިރެއް ކުރިންބިލެތްދޫގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިންރަކީދޫގެ 80 އިންސައްތަ ރައްޔިތުން ރުހޭނަމަ އެހެން ރަށަކަށް ބަދަލުކޮށްދޭނަން: ރައީސްޚަބަރު | 3 ގަޑިއިރު ކުރިންވ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކޮށްފިޚަބަރު | 7 ގަޑިއިރު ކުރިން