logo
Bank of Maldives

Bank of Maldives

ދުނިޔެ

އިރާނު-އިސްރާއީލް ހަނގުރާމަ: މޮސާޑުގެ 100އަށް ވުރެ ގިނަ އޭޖެންޓުން ބޭނުންކުރި

އާމިނަތު ޝަފާ
21 ސެޕްޓެމްބަރު 2025 - 13:05
އިއްޔެގެ ހަމަލާތަކުގައި އިސްރާޢީލުގެ ގެތަކެއް ބިމާ ހަމަވެފައި.
އިއްޔެގެ ހަމަލާތަކުގައި އިސްރާޢީލުގެ ގެތަކެއް ބިމާ ހަމަވެފައި.

އިރާނު-އިސްރާއީލް ހަނގުރާމައިގައި އެކި ގައުމުތަކަށް ނިސްބަތްވާ 100އަށް ވުރެ ގިނަ އޭޖެންޓުން ޔަހޫދީންގެ ޖާސޫސީ އިދާރާ- މޮސާޑުން ބޭނުންކޮށްފައިވާކަން ފަޅާއަރައިފިއެވެ.

އިސްރާއީލުގެ ނޫހަކުން ރިޕޯޓުކޮށްފައިވާގޮތުން މިދިޔަ ޖޫން މަހު އިރާނާ ދެކޮޅަށް ކުރި 12 ދުވަހުގެ ހަނގުރާމައަށް ތައްޔާރުވުމުގެ ގޮތުން، އިސްރާއީލުގެ ޖާސޫސީ އިދާރާ- މޮސާޑުން އިރާނުގެތެރެއަށް ގާތްގަނޑަކަށް 100 އެއްހާ ބޭރުގެ އޭޖެންޓުން ފޮނުވާފައިވެއެވެ. މި އޮޕަރޭޝަނަކީ މޮސާޑުން މިހާތަނަށް ހިންގި އެންމެ ބޮޑު އަދި އެންމެ ރޭވުންތެރި ހަރަކާތް ކަމަށް ވެސް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިސްރާއީލު ސިފައިންގެ ތަމްރީނުތަކެއް ފުރިހަމަކޮށްފައިވާ މި އޭޖެންޓުންނާ ހަވާލުކޮށްފައިވާ ވަޒީފާއަކީ ހަނގުރާމަ ފެށުމާއެކު އިރާނުގެ ވައިގެ ދިފާޢީ ނިޒާމުތައް ނައްތާލުމެވެ. މިކަން ކުރުމަށް ޔަހޫދީ ސަރުކާރުން ވަނީ އިރާނު ތެރެއަށް ވައިގެ ދިފާޢީ ނިޒާމުތައް ނައްތާލާ ހަތިޔާރުތައްވެސް ވަގަށް އެތެރެކޮށްފައެވެ.

ޔަހޫދީންގެ މީޑިއާއިން ބުނީ މީގެ ކުރިން މިހާ ގިނަ އޭޖެންޓުން އެއްފަހަރާ އެއް ހަނގުރާމައެއްގައި ބޭނުންކޮށްފައެއް ނުވާކަމަށެވެ. އަދި އީރާނަށް ހަމަލާ ދިނުމުގެ ކަންކަން ރާވާފައިވަނީ ސިއްރިއްޔާތުގައިކަމަށް އިސްރާއީލުގެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

އިރާނު-އިސްރާއީލް ހަނގުރާމައިގައި އެކި ގައުމުތަކަށް ނިސްބަތްވާ 100އަށް ވުރެ ގިނަ އޭޖެންޓުން ބޭނުންކުރިނަމަވެސް 12 ދުވަހުގެ އެ ހަނގުރާމައަކީ ޔަހޫދީންނަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިކުރުވި ހަނގުރާމައެކެވެ. މީގެ ކުރިން އިސްރާއީލުން 1981 ވަނަ އަހަރު އިރާގަށް އަދި 2007 ވަނަ އަހަރު ސީރިއާއަށް ހަމަލާދީފައިވިޔަސް އިރާނުން ދިން ރައްދު ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް އިސްރާއީލަށް ވެފައިވާކަމަށް ޚުދު ޔަހޫދީންވެސް ގަބޫލުކުރެއެވެ.

އީރާނުން ވަނީ އިސްރާއީލުގެ މި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން 500 އަށް ވުރެ ގިނަ ބެލިސްޓިކް މިސައިލްއާއި، 1,100 އެއްހާ ޑްރޯން އިސްރާއީލަށް އަމާޒުކޮށް ފޮނުވާލާފައެވެ. މި ހަމަލާތަކުގައި އިސްރާއީލުން 31 މީހުން މަރުވެ، 3,000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.

އާބާދީ ބޮޑު ސަރަހައްދުތަކަށް އިރާނުން ހަމަލާދޭން ފެށުމާއެކު 240 އިމާރާތެއްގެ 2,305 ގޭބިސީއަށް ގެއްލުންވެ، ދެ ޔުނިވަރސިޓީއަކާއި ހޮސްޕިޓަލަކަށް ވަނީ ގެއްލުން ލިބިފައެވެ. މީގެ އިތުރުން 13,000 އަށް ވުރެ ގިނަ ޔަހޫދީންނަށްވަނީ އެމީހުންގެ އަމިއްލަ ގެދޮރު ދޫކޮށް ދާންޖެހިފައެވެ.

އަސްކަރީ ތަޖުރިބާކާރުން ބުނާ ގޮތުގައި އެމެރިކާއިން ވަނީ މިސައިލް ހަމަލާ ދިނުމަށް ބޭނުން ކުރާ އެ ގައުމުގެ ހަތް "ތާޑް" މިސައިލް ޕްލެޓްފޯމުގެ ތެރެއިން މަގުވެގެން ދެ ޕްލެޓްފޯމް 12 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި ބޭނުން ކޮށްފައެވެ. އެ 12 ދުވަހުގެ ތެރޭގައި ޔަހޫދީންނަށް އެހީތެރިވުމަށް އެމެރިކާއިން 800 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ގިނައިން ހަރަދު ކޮށްފައިވާކަންވެސް ވަނީ މިހާރު މީޑިއާތަކަށް ތިލަވެފައެވެ.

ނަމަވެސް އިސްރާއީލަށް ހަމަލާދިނުމަށް އިރާނުން ބޭނުންކޮށްފައިވަނީ އެގައުމުގެ އަސްކަރީ ގާބިލުކަމުގެ އެންމެ 5 އިންސައްތައެވެ.

ޔަހޫންދީންގެ އަސްކަރިއްޔާއާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި އިރާނާ ދެކޮޅަށް ހަމަލާދިނުމަކީ ޔަހޫދީން މާކުރިންސުރެވެސް ކުރަން ބޭނުންވިކަމެކެވެ. އެގޮތުން 2015 ވަނަ އަހަރު އޭރު އެމެރިކާގެ ވެރިކަމުގައި އޮބާމާ ހުރި އިރުވެސް މިކަމާ މަޝްވަރާތައްކުރެވިފައިވާކަމަށާއި ނަމަވެސް އެކި ސަބަބުތަކާހެދި އެކަން ފަސްވީކަމަށް ޔަހޫދީން ބުނެއެވެ.

އޭގެ ފަހުން މިފަހަރުގެ ހަމަލާ ދިނުމަށް 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު ޔަހޫދީން ދިޔައީ ތައްޔާރުވަމުންކަމަށް މީޑިއާތަކުން ބުނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިރާނު-އިސްރާއީލް ހަނގުރާމަ: މޮސާޑުގެ 100އަށް ވުރެ ގިނަ އޭޖެންޓުން ބޭނުންކުރި ދުނިޔެ | 3 ދުވަސް ކުރިންމިހާރުން މިހާރަށް މުސްލިމް ހުރިހާ ގައުމަކުން އިސްރާއީލާ ގުޅުން ކަނޑާލުމަށް އިރާނުން ގޮވާލައިފި ދުނިޔެ | 8 ދުވަސް ކުރިންއީރާނުގެ އަސްކަރީ ގާބިލުކަން ދައްކާލައި ސަހުޔޫނީން ބިރުގަންނަވާލައިފި ދުނިޔެ | މަހެއް ކުރިންކުޑަކުދިން ޝަހީދުކުރާ ބަޔަކަށް ހަނގުރާމައިން ނަސްރެއް ނުލިބޭނެ: އިރާން ދުނިޔެ | 2 މަސް ކުރިން