އެސްޓީއޯ މެދުވެރިކޮށް މިރުސްވިއްކާނީ ކަނޑޫދޫގެ ވިޔަފާރިވެރިންނަށް އެކަމުގެ އެއްވެސް ގެއްލުމެއް ނުވާގޮތަށް: ރައީސް

24 ސެޕްޓެމްބަރު 2025 - 09:44
އެސްޓީއޯ މެދުވެރިކޮށް ބާޒާރުގައި ވިއްކުމަށް ނިންމި ކާބޯތަކެތީގެ ތެރޭގައި މިރުސް ހިމެނިފައިވީނަމަވެސް، އެކަން ކުރިއަށް ގެންދާނީ ކަނޑޫދޫގެ ވިޔަފާރިވެރިންނަށް އެއްވެސް ގެއްލުމެއް ނުވާގޮތަށްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބުދަ ވިދާޅުވެއްޖެއެވެ.
މިކަން އެމަނިކުފާނު ހާމަކުރެއްވީ ހަތަރު އަތޮޅެއްގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ކޮޅުމަޑުލު ކަނޑޫދޫ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation
ރައީސްގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ދަނޑުވެރިކަމުގައި މިރުސް އުފެއްދުމަށް ކަނޑޫދޫއަކީ މުހިންމު ރަށެއްކަން ފާހަގަކުރައްވާފައެވެ. އަދި ކަނޑޫދޫ ވިޔަފާރިވެރިން މިރުސް ވިއްކާ އަގުގައި ގަނެގެން، އެ ފައިދާ ރައްޔިތުންނަށް ލިބޭގޮތަށް އެސްޓީއޯއިން އެކަން ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ އެރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.
ދަނޑުވެރިންނަށް ލިބޭ ފައިދާ އިތުރުކޮށްދިނުމަށްޓަކައި، ޚަރަދު ކުޑަ ގޮތެއްގައި ކަނޑޫދޫގައި މިރުސް ހެއްދުމަށް މިހާރު ހުރި ދަތިތައް ހައްލުކުރުމަށް ދަނޑުވެރިކަމާބެހޭ ވުޒާރާގެ ޓީމެއް ކަނޑޫދޫއަށް ފޮނުއްވުމަށް ނިންމަވާފައިވާކަމަށް ވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.
ރަށުގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ރައީސް ވަނީ މިހާރު ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫޢު ކުރު މުއްދަތެއްގެ ތެރޭގައި ނިންމުމަށް ސަރުކާރުން ރާވާފައިވާ ގޮތް ހާމަކުރައްވާފައެވެ. މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވާ ފަރާތާއެކު ވެފައިވާ އެއްބަސްވުން އުވާލައްވައި ނުވަތަ އެމް.ޑަބްލިޔު.އެސް.ސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމާމެދު އަވަހަށް ގޮތެއް ނިންމަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ރަށު ސްކޫލްގެ އުމްރާނީ މަސައްކަތާއި، ހެލްތު ސެންޓަރުގެ މަސައްކަތް އަދި ކުޅިވަރު ކުޅޭ ދަނޑުތަކާއި ވަސީލަތްތައް ނިންމައި، އިތުރަށް ފުރިހަމަކުރައްވާނެ ކަމުގެ ޔަޤީންކަންވެސް ރައީސް މުޢިއްޒު ރައްޔިތުންނަށް ދެއްވިއެވެ. އަދި ހުރިހާ ރަށެއްގައި އާރު.ޓީ.އެލް ފެރީގެ ޚިދުމަތް ފުރިހަމަކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ކަނޑޫދޫއަށް ލުއިފަސޭހަ ގޮތެއްގައި ދަތުރުކުރެވޭނެ ގޮތަށް، މިރޭ އާރު.ޓީ.އެލްގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.