2035 ވަނަ އަހާރާއި ހަމައަށްދާއިރު ރާއްޖެއިން ވިހަގޭސް ބޭރުކުރާ މިންވަރު 1.5 މިލިޔަން ޓަނަށް މަދުކުރަނީ
24 ސެޕްޓެމްބަރު 2025 - 10:40

ސަރުކާރުގެ އާމާޒަކީ 2035 ވަނަ އަހާރާއި ހަމައަށްދާއިރު ޖައްވަށްދޫކުރާ ވިހަގޭހުގެ މިންވަރު 1.5 މިލިޔަން ޓަނަށް މަދުކުރުންކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެވެ.
ވަޒީރު މިފަދައިން ވިދާޅުވީ އ.ދ.ގެ ޢާންމު މަޖިލީހުގެ 80 ވަނަ ސެޝަންގައި "ޑެކޭޑް އޮފް ޕެރިސް އެގްރީމަންޓް: ދަ މޯލްޑިވްސް ކްލައިމެޓް އެކްޝަން އެންޑް ޕާޓްނަރޝިޕްސް ފޮރ ރެޒިލިއަންސް" ގެ ނަމުގައި ބޭއްވި ސައިޑް އިވެންޓު ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation
މި އިވެންޓުގައި ޕެރިސް އެގްރީމެންޓަށް އަމަލު ކުރަންފެށި ފަހުން ދިވެހިރާއްޖެއިން ހޯދާފައިވާ ކުރިއެރުންތައް ހިއްސާ ކުރުމަށް އެކި ޤައުމުތަކުގެ އިސްވެރިންނާ، ތަރައްގީގެ ބައިވެރިންނާއި، ބައިނަލްއަގުވާމީ ތަޖުރިބާކާރުން ވަނީ ބައިވެރިވެފައިވެއެވެ.
މި ސައިޑް އިވެންޓް ފައްޓަވައިދެއްވުމުގެ ގޮތުން ވަޒީރު ތޯރިޤް ވަނީ ފާއިތުވި ދިހަ އަހަރު ތެރޭގައި ދިވެހިރާއްޖޭގެ ކްލައިމެޓް ޕޮލިސީ އަށް އައިސްފައިވާ ބަދަލުތަކައް އަލިއަޅުއްވާލައްވާފައެވެ. މީގެ އިތުރުން މި އަހަރުގެ ފެބްރުއަރީ މަހު ދިވެހިރާއްޖެއިން ތިންވަނަ ނޭޝަނަލް ޑިޓަރމައިންޑް ކޮންޓްރިބިއުޝަން (އެން.ޑީ.ސީ. 3.0) ހުށަހަޅާފައިވާ ކަމާއި މި ހުށަހެޅުމުގައި 2035 ވަނަ އަހަރުގެ ނިޔަލަށް 1.52 މިލިއަން ޓަނުގެ ކާބަންޑައިއޮކްސައިޑް މަދުކުރުމަށް އަމާޒު ކުރާކަމަށް ވަޒީރު ތޯރިޤު ވަނީ ވިދާޅުވެފައެވެ. އަދި ހަކަތައާއި، ދަތުރުފަތުރުގެ އިތުރުން ކުނި މެނޭޖްކުރުން ފަދަ މުހިންމު ދާއިރާތަކުގައި ވިލުންތެރިކަން އިތުރުކުރުމަށް ބޭނުންވާކަން ވަނީ ފާހަގަކޮށްފައެވެ.
އެއަށްފަހު، އެން.ޑީ.ސީ. ޕާޓްނަރޝިޕް ސަޕޯޓް ޔުނިޓްގެ ގްލޯބަލް ޑިރެކްޓަރ، ޑރ. ޕަބްލޯ ވިއެރާ ވަނީ މި އިވެންޓާއި ގުޅިގެން ބޭއްވުނު ޕެނަލް ޑިސްކަޝަން މޮޑަރޭޓް ކޮށްދެއްވާފައެވެ. މި ޕެނަލްގައި ބައިވެރިވެވަޑައިގެންފައިވަނީ ޖަޕާނުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑިރެކްޓަރ ޖެނެރަލް ފޮރ ގްލޯބަލް އިޝޫޒް، ނަކަމޫރާ ރިޔޯ، އެލް.ޑީ.ސީ.، އެލް.އެލް.ޑީ.ސީ. އަދި ސިޑްސް ގެ އޮފީސް ފޮރ ހައި ރެޕްރެޒެންޓޭޓިވްސް ގެ އަންޑަރ ސެކްރެޓަރީ ޖެނެރަލް އެންޑް ހައި ރެޕްރެޒެންޓޭޓިވް ރަބާބް ފާތިމާ، ޔޫ.އެން.ޑީ.ޕީ. ގެ ރީޖަނަލް ޑިރެކްޓަރ ފޮރ އޭޝިއާ އެންޑް ދަ ޕެސިފިކް އަދި އެސިސްޓަންޓް ސެކްރެޓަރީ-ޖެނެރަލް ކަންނި ވިގްނަރާޖާ، އިޓަލީގެ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ ސެކިއުރިޓީ ގެ ޑިރެކްޓަރ-ޖެނެރަލް އަލެސާންޑްރޯ ގުއެރީ، ގްރީން ކްލައިމެޓް ފަންޑްގެ ޗީފް ސްޓްރެޓަޖީ އެންޑް އިމްޕެކްޓް އޮފިސަރ ޑރ. ޗާލްސް އެހާޓް އަދި ޔުނެޕްގެ ޑިރެކްޓަރ އޮފް އިންޓަރގަވަރމެންޓަލް އެފެއާޒް، ޖަމީލް އަހްމަދުއެވެ. މި ޕެނަލިސްޓުން ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުމަށް އެހީތެރިވެދޭ ގޮތްތަކާއި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާއި، ފައިނޭންޝަލް އަދި ޓެކްނޮލޮޖީގެ އެހީތެރިކަން ބަދަލުކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ސައިޑް އިވެންޓް ނިންމާލުމުގެ ގޮތުން ހާރިޖީ ވަޒީރު ޢަބްދުالله ޚަލީލް ވަނީ ތަޤުރީރުކުރައްވާފައެވެ. މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ދިވެހިރާއްޖެއިން ބައިވެރިވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ތިންވަނަ ނޭޝަނަލް ޑިޓަރމިންޑް ކޮންޓްރިބިއުޝަން ދަށުން ބޭނުންވާ ފައިސާ ހޯދުމާއި، ޓެކްނޮލޮޖީ ބަދަލުކުރުމާއި، ކެޕޭސިޓީ ބިލްޑިންގއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެހެން ޤައުމުތަކުން އެއްބާރުލުން ފޯރުކޮށްދިނުމަށް ގޮވާލެއްވިއެވެ.
މި ސައިޑް އިވެންޓަކީ އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް)ގެ ޗެއާގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން އަދާކުރި ދައުރުގައި ޕެރިސް އެގްރީމެންޓްގެ މަޝްވަރާތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށާއި، ނާޒުކު ޤައުމުތަކާއި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ދައްކުވައިދިނުމުގެ ގޮތުން ބޭއްވުނު ސައިޑްއިވެންޓްއެކެވެ.


