ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާލިބިދާނެ ޢަމަލެއްކޮށް ބިރުދެއްކި ފުލުހެއްގެ މައްސަލަ ބަލަން ފަށައިފި
23 ނޮވެމްބަރު 2025 - 01:32

ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާ ލިބިދާނެ ފަދަ ޢަމަލެއްކޮށް ބިރުދެއްކިކަމުގެ ތުހުމަތުގައި ފުލުހެއްގެ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ.
މި މައްސަލައިގެ ޖިނާއީ އަދި އިދާރީ ދެ ބައި ވެސް މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

Ad by Hajj Corporation
ދިވެހި ފުލުހުންގެ ޚިދުމަތުން ހޮނިހިރު ދުވަހުގެ ރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވާ ގޮތުގައި، މިކަން ހިނގާފައި ވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ހަވީރު، ސައުތު ސެންޓްރަލް ރީޖަންގައި ހިމެނޭ ރަށެއްގެ ފުޓްސަލް ދަނޑުގައި ކުޅެން އުޅުނު ކުދިންތަކެއްގެ މެދުގައި ހިނގި ހަމަނުޖެހުމަކަށް ފަހުގައެވެ.
ފުޓްސަލް ދަނޑުގައި ކުދިންގެ މެދުގައި ހިނގި މި ހަމަނުޖެހުމާއި ގުޅިގެން، އެތަނުން ކުއްޖެއްގެ އާއިލީ ގުޅުމެއް އޮންނަ ފުލުހަކު، އެހެން ކުއްޖަކަށް ޖިސްމާނީ އަނިޔާ ވެދާނެ ޢަމަލެއްކޮށް ބިރުދައްކާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.
ފުލުހުން އިތުރަށް ބުނީ، މި މައްސަލައިގެ ޖިނާއީ ބައި ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ. އަދި ފުލުހެއްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކަށް ވާތީ، މި މައްސަލައިގެ އިދާރީ ބައި، ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑް (ޕީ.އެސް.ސީ) އިން ދަނީ ބަލަމުން ކަމަށެވެ.


