ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ސިނގިރެޓް ގެއްލުމަކީ ބަލައިގަންނަކަމެއް ނޫން، ހަރުކަށި ފިޔަވަޅު އަޅާނަން
22 ނޮވެމްބަރު 2025 - 09:31

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 31 ކާޓޫން ސިނގިރޭޓް ވަގަށް ނެގި މައްސަލަ ތަހުގީގުކޮށް މައްސަލައިގައި ބައިވެރިވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދިވެހި ފުލުހުންގެ ހިދުމަތުން ދީފިއެވެ.
ފުލުހުންގެ ބުނީ ވިލިމާލެ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ކާޓަންތަކެއް މަދުވެފައިވާ ދެ މައްސަލައަކާ ގުޅޭގޮތުން، ދަންނަވަމެވެ. ޤާނޫނާ ޚިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވިގެން 2025 މެއި 23 ވަނަ ދުވަހު 32 ކާޓަން ސިނގިރޭޓު ބިދޭސީއެއްގެ އަތުން ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. މި ތަކެތި، ކަސްޓަމްސްއާ ހަވާލުކުރުމަށްޓަކައި 2025 ނޮވެމްބަރު 12 ވަނަ ދުވަހު ބެލި އިރު، މި ތަކެތީގެ ތެރެއިން 6 ކާޓަން ސިނގިރޭޓް މަދުކަން ފާހަގަކުރެވިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
މީގެ އިތުރުން، މި މައްސަލައިގައި ކަން ހިނގާފައިވާގޮތް ބަލަމުން ދަނިކޮށް، ދެ ބިދޭސީއެއްގެ އަތުން 2024 ޑިސެމްބަރ 23 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ވިލިމާލެ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި 25 ކާޓަން ސިނގިރޭޓުވެސް ނެތްކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން މި ދެ މައްސަލައާ ގުޅޭގޮތުން ފުރިހަމަ ތަޙުޤީޤެއް ހިންގަމުންދާއިރު އަދި ޖިނާއީ ތަޙުޤީޤުތައް ވަކި މައްސަލަތަކެއްގެ ގޮތުގައި ދަނީ ތަޙުޤީޤު ކުރަމުންކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ގެއްލުމަކީ އެއްވެސް ޙާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫންކަން ހާމަކޮށް ފުލުހުން ބުނީ މިކަމަކީ ފުލުހުންގެ ފަރާތުން ފެންނަންޖެހޭ އަޚުލާޤާއި، ހަރުދަނާ މަސައްކަތުގެ ރޫޙާ ކަނޑައެޅިގެން ޚިލާފު ކަމެއްކަމަށެވެ. ވީމާ، މިކަމުގައި ބައިވެރިވެފައިވާ ފަރާތް ނުވަތަ ފަރާތްތައް ދެނެގަނެ، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރާނެކަމަށް ފުލުހުން ބުންޏެވެ.
މުއައްސަސާގެ ޙުރުމަތް ކުޑަކޮށް، އާންމު ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލުވާލަން އެއްވެސް މުވައްޒަފަކަށް ދިވެހި ފުލުހުންގެ ޚިދުމަތުން ފުރުޞަތެއް ނުދޭނެކަމަށާއި ފުލުހުންގެ ޚިދުމަތުގެ ހުރިހާ މުވައްޒަފުންނަކީވެސް ޖަވާބުދާރީވުމާއި ނަޒާހާތްތެރިކަން ހިފަހައްޓައި ސާބިތުކަމާއެކު ދެމިތިބެ، އިޚްލާޞްތެރި ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭ ބަޔަކަށް ހެދުމަކީ، މުއައްސަސާގެ މަސައްކަތްތައް އަބަދުވެސް ބައްޓަންކުރަމުން ގެންދާ މައިގަނޑު އަމާޒުކަމަށް ފުލުހުންވަނީ ބުނެފައެވެ.

Ad by Hajj Corporation


