logo
Bank of Maldives

Bank of Maldives

ޚަބަރު

ދައުލަތުގެ އާމްދަނީ 6.3 އިންސައްތަ އިތުރުވެ، 27.4 ބިލިއަން ރުފިޔާއަށް އަރައިފި

އާމިނަތު ޝަފާ
24 ސެޕްޓެމްބަރު 2025 - 13:11
ދައުލަތުގެ އާމްދަނީ 6.3 އިންސައްތަ އިތުރުވެ، 27.4 ބިލިއަން ރުފިޔާއަށް އަރައިފި

އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް 18 ސެމްޓެމްބަރ 2025 ގެ ނިޔަލަށް 27.4 ބިލިއަން ރުފިޔާ ލިބި، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 6.3 އިންސައްތަ އިތުރުވެއްޖެއެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ 18 ސެމްޓެމްބަރ 2025 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައި، ނިމިގެންދިޔަ ހަފްތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، ނިމިގެންދިޔަ ހަފްތާގެ ނިޔަލަށް ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 27.4 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، އެއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 6.3 އިންސައްތަ އިތުރު އަދަދެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 20.9 ބިލިއަން ރުފިޔާއެވެ. އެގޮތުން، މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީގެ 76.5 އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ. ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީގެ ތެރެއިން ޓެކުހުގެ ރޭޓްތަކަށް ގެނެވުނު ބަދަލާއި ގުޅިގެން، ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 102.4 އިންސައްތަވަނީ އިތުރުވެފައެވެ. އަދި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ 51.1 އިންސައްތަވަނީ އިތުރުވެފައެވެ. ހަމަ އެހެންމެ، ފަރުދުންގެ އާމްދަނީން ނެގޭ ޓެކުހުގެ މިންވަރު 15.7 އިންސައްތައިންވަނީ އިތުރުވެފައެވެ.

ޓެކުހާއި ޓެކްސް ނޫން އާމްދަނީ 13.7 އިންސައްތަ އިތުރުވެފައިވާއިރު، އޭގެ މައިގަނޑު ސަބަބަކީ ރިސޯޓް ތަރައްޤީކުރުމަށް ދޫކޮށްފައިވާ ތަންތަނުގެ މުއްދަތު އިތުރުކުރުމަށް ދެއްކި އަދަދު އިތުރުވުމެވެ. މީގެ އިތުރުން، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ލިބުނު އާމްދަނީ 56.6 އިންސައްތަ ވަނީ އިތުރުވެއެވެ. މީގެ މައިގަނޑު ސަބަބަކީ މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 9.6 އިންސައްތައިން އިތުރުވެ، 1.6 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާތީއެވެ. ހަމަ އެހެންމެ، ލޭންޑް އެކުއިޒިޝަން އެންޑް ކޮންވަރޝަން ފީ، ލީޒް ޕީރިއެޑް އެކްސްޓެންޝަން ފީ އަދި ރިޒޯޓުތަކުން ކުލީގެ ގޮތުގައި ލިބުނު އާމްދަނީވެސް މި މުއްދަތުގެ ތެރޭގައިވަނީ އިތުރުވެފައެވެ. މި އިތުރުވުމާއި އެކު، މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ މިވަނީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 6.3 އިންސައްތައިން އިތުރުވެފައެވެ. އާމްދަނީގެ އިތުރުވުމާއި އެކު ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދުވެސް މިވަނީ 49.8 އިންސައްތަވަނީ އިތުރުވެ 1.5 ބިލިއަން ރުފިޔާއަށް އަރާފައެވެ.

2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި، މި އަހަރުގެ ތެރޭގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއާއި ހިލޭ އެހީގެ 68.8 އިންސައްތަ، 18 ސެޕްޓެމްބަރ 2025 ގެ ނިޔަލަށް ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ތެރޭގައި ހިނގާނެކަމަށް އަންދާޒާކޮށްފައިވާ ޖުމުލަ ޚަރަދުގެ ތެރެއިން މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ޚަރަދުގެ ގޮތުގައި ރެކޯޑުކޮށްފައިވަނީ 54.1 އިންސައްތައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު 1.5 ބިލިއަން ރުފިޔާއަށް އަރައިފި ޚަބަރު | 19 ދުވަސް ކުރިންދައުލަތުގެ އާމްދަނީ 6.3 އިންސައްތަ އިތުރުވެ، 27.4 ބިލިއަން ރުފިޔާއަށް އަރައިފިޚަބަރު | 19 ދުވަސް ކުރިންދައުލަތުގެ ޚަރަދުތައް 15.1 އިންސައްތަ ދަށްކޮށްފިޚަބަރު | 19 ދުވަސް ކުރިންއެސްބީއައިން ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް ފަސްކޮށްދީފިޚަބަރު | މަހެއް ކުރިން