މީޑިއާ ކޮމިޝަނުގެ އިންތިހާބުގައި ވޯޓުލާން ރަޖިސްޓްރީކުރަން ހުޅުވާލައިފި
3 އޮކްޓޯބަރު 2025 - 06:32
(1)(1).webp&w=3840&q=75)
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އިންތިޚާބުގައި، ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާ ތަކުގެ ފަރާތުން، ވޯޓުދިނުމަށްޓަކައި ރަޖިސްޓަރީކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ މި އިންތިޚާބުގައި ވޯޓު ލެވޭނީ ރަޖިސްޓަރީ ވާ ފަރާތްތަކަށް އެކަނިކަމަށާއި އަދި ކޮންމެ މީހަކަށް ތަމްސީލު ކުރުވޭނީ އެއް ބްރޯޑްކާސްޓަރ/މީޑިއާ ކަމުގައެވެ. މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދިހުށަހެޅޭނީ،ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުގެ ގޮތުގައި ކޮމިޝަނުން ޢާންމު ކޮށްފައިވާ ފަރާތް ތަކަށްކަމަށް އީސީން މައުލޫމާތުދެއެވެ.

Ad by Hajj Corporation
ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުގެ ފަރާތުން، ވޯޓުދިނުމަށްޓަކައި އެ ފަރާތްތަކުން ކަނޑައަޅާ މީހަކު ރަޖިސްޓަރީ ކުރުން ކުރިއަށްދާނީ އަންނަ އާދީއްތަ ދުވަހުގެ ހަވީރު 04:00 ގެ ނިޔަލަށެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން މީޑިއާތައް ރެގިއުލޭޓް ކުރާ އައު ކޮމިޝަނަށް މީޑިއާތަކުން އިންތިޚާބު ކުރާނީ 4 މެންބަރުންނެވެ. އެއީ ބްރޯޑްކާސްޓަރުން ތަމްސީލުކުރައްވާ ދެ މެންބަރުންނާއި އެހެނިހެން މީޑިއާތައް ތަމްސީލުކުރައްވާ ދެ މެންބަރުންނެވެ. މި ކޮމިޝަނުގައި ޖުމްލަ ހަތް މެންބަރުންގެ އެކުލެވޭއިރު ބާކީ ތިން މެންބަރުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.
ބްރޯޑްކާސްޓަރުން ތަމްސީލުކުރައްވާ ދެ މެންބަރުންނާއި އެހެނިހެން މީޑިއާތައް ތަމްސީލުކުރައްވާ ދެ މެންބަރުން އިންތިހާބުކުރުމުގެ ކަންކަން ކުރިއަށްގެންދާނީ އިލެކްޝަން ކޮމިޝަނުންނެވެ.
ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމަށް އިލެކްޝަން ކޮމިޝަނުން ނަގާ ވޯޓު، ނެގުން އޮންނާނީ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.
އެ އިންތިޚާބުގައި 353 މީޑިއާއަކަށް ވޯޓުލެވޭކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.
އައު ޤާނޫނުގައިވާ ގޮތުގެ މަތީން އުފެއްދެވި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މި ޤާނޫނާއި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ސުލޫކީ މިންގަނޑުތަކާއި ޤާނޫނުގައި ބަޔާންކުރާ އުސޫލުތަކާ ޚިލާފަށް ޢަމަލުކުރާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންނާ ގުޅޭގޮތުން ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ޤާއިމުކުރަންޖެހޭނެއެވެ. އަދި އެކަންކަން ބަލައި، ސުލޫކީ މިންގަނޑުތަކާ ޚިލާފުވާ ފަރާތްތަކުން ޚިލާފުވި ޚިލާފުވުން ބަލައި ފިޔަވަޅު އެޅުމަކީ ކޮމިޝަނުގެ މަސްއޫލިއްޔަތެކެވެ.