މީޑިއާ ކޮމިޝަންގެ އިންތިޚާބަށް ކުރިމަތިލީ 6 މީހުން
4 އޮކްޓޯބަރު 2025 - 15:48

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބުގެ ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ފޯމު ހުށަހަޅާފައިވަނީ ޖުމްލަ ހަ ފަރާތަކުންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
މި އިންތިޚާބުގައި ވާދަކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން އެ ފުރުޞަތު ހުޅުވާލީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. މީޑިއާ ކޮމިޝަން އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނާއި މީޑިއާތަކުން އިންތިޚާބުކުރާ ހަތަރު މެންބަރުންގެ މައްޗަށެވެ.
މި ކޮމިޝަނަކީ އަލަށް އަމަލުކުރަން ފެށި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ކޮމިޝަނެކެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ހޮނިހިރު ދުވަހުގެ 14:00 ގެ ނިޔަލަށް ހަމަވިއިރު، މި އިންތިޚާބުގައި ކެންޑިޑޭޓުގެ ގޮތުގައި ކުރިމަތިލުމަށް ފޯމު ހުށަހަޅާފައިވަނީ ޖުމްލަ 6 ފަރާތަކުންކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއެވެ.
އިލެކްޝަނުން ބުނީ، ބްރޯޑްކާސްޓަރުން ތަމްސީލް ކުރާ މެންބަރުންގެ މަޤާމަށް ހަތަރު ބޭފުޅުން ފޯމު ހުށަހަޅާފައިވާއިރު މީގެ ތެރެއިން ތިން ބޭފުޅުންގެ ކެންޑިޑަސީ ޤަބޫލުކޮށްފައިވާކަމަށެވެ. އަދި އެއް ބޭފުޅެއްގެ ކެންޑިޑެސީ ގަބޫލުކޮށްފައިނުވާކަމަށެވެ. ކެންޑިޑެސީ ޤަބޫލުކޮށްފައިވާ ތިން ފަރާތުގެ ތެރެއިން އެކަކު ނަން އަނބުރާ ގެންދިއުމަށް އެދި ހުށަހަޅާފައިވާކަމަށްވެ ސް އެ ކޮމިޝަނުން ބުނެއެވެ.
އެހެނިހެން މީޑިއާތައް ތަމްސީލް ކުރާ މެންބަރުންގެ މަޤާމަށް 2 ބޭފުޅުން ފޯމު ހުށަހަޅާފައިވާކަމަށާއި މީގެ ތެރެއިން 1 ބޭފުޅެއްގެ ކެންޑިޑަސީ ޤަބޫލުކޮށްފައިވާއިރު، 1 ބޭފުޅެއްގެ ކެންޑިޑަސީ ޤަބޫލުކޮށްފައިނުވާކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން، ބާއްވަންޖެހޭ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބު، އޮކްޓޫބަރު 11 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

Ad by Hajj Corporation