އެމްޑީޕީގެ އެއްވުން: އަންހެން ފުލުހެއްގެ ގައިމަތިން ހިނގައި، ފިރިހެން ދެ ފުލުހަކަށް ބެރިކޭޑާއި ޝީލްޑުން އަނިޔާދީފައިވޭ
4 އޮކްޓޯބަރު 2025 - 13:42

"ލޫޓުވައިފި" ނަމުގައި އިދިކޮޅު އެމްޑީޕީން ހުކުރު ދުވަހުގެރޭ ބޭއްވި މުޒާހަރާގެ ތެރެއިން ފުލުހުންތަކަކަށް ދީފައިވާ އަނިޔާގެ ތަފްސީލް ހާމަކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ، ރޭގެ އެއްވުމުގެ ތެރެއިން ތިން ފުލުހަކަށް އަނިޔާވެގެން ފަރުވާދީފައިވާ ކަމަށެވެ. އެއީ އަންހެން ފުލުހަކާއި ފިރިހެން ދެ ފުލުހުންކަމަށް މީޑިއާ އޮފިސަރު ވިދާޅުވިއެވެ.

Ad by Hajj Corporation
އޭގެ ތެރެއިން އަންހެން ފުލުހަށް އަނިޔާވެފައި ވަނީ، ޝީލްޑާއެކު ވެއްޓިފައި އޮއްވައި، އޭނާގެ ގައިމަތިން އެއްވުމުގެ ބައެއް ބައިވެރިން ހިނގުމުގެ ސަބަބުންކަމަށް އޮފިސަރު ވިދާޅުވިއެވެ.
އަދި ދެން އަނިޔާވި ދެ ފުލުހުންގެ ތެރެއިން އެކަކަށް އަނިޔާވެފައިވަނީ ބެރިކޭޑަކުން ޖެހުމުގެ ސަބަބުން ކަމަށާއި ތިންވަނަ ފުލުހަށް އަނިޔާވީ ހިފަހައްޓައިގެން ހުރި ޝީލްޑުގައި މުޒާހަރާގެ ބައިވެރިއަކު ޖެހުމުގެ ސަބަބުންކަމަށް ވެސް އޮފިސަރު ވިދާޅުވިއެވެ.
އަނިޔާވި ދެ ފުލުހަކަށް ސެނަހިޔާ ހޮސްޕިޓަލުގައި ފަރުވާދީފައިވާއިރު އަނެއް ފުލުހަށް ފަރުވާދީފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެމްޑީޕީގެ އިސް ސަފުގައި ހިމެނޭ ބައެއް ބޭބޭފުޅުން ވެސް، ފުލުހުންގެ ސަފު ރޫޅާލުމުގެ ގޮތުން ބެރިކޭޑްފަދަ އާލާތްތައް ބޭނުންކޮށްގެން ހަމަލާދޭން މަސައްކަތްކޮށްފައިވެއެވެ.
އެމްޑީޕީގެ މުޒާހަރާއާ ގުޅިގެން ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މި އެއްވުން ކުރިއަށްގެންދިއުމުގައި އެއްވުމުގެ ބައިވެރިން މަގުމައްޗަށް ނުކުމެ އެއްވުން ކުރިއަށް ގެންދިއުމަށް ފުލުހުންނާއެކު ކުރިން މަޝްވަރާކޮށް އެއްބަސްވެފައިވާ ގޮތާ ޚިލާފަށް އަމަލުކޮށްފައިވާ ކަމަށެވެ. އެގޮތަށް އެކަން ނުކުރުމަށް އެއްވުމުގެ ބައިވެރިންނަށް ނަސޭހަތްތެރިވެ އިލްތިމާސްކުރިނަމަވެސް، އެއްވުމުގެ ބައިވެރިން އިލްތިމާސްތަކާ އެއްގޮތަށް އަމަލުނުކޮށް، ފުލުހުންނާ ކުރިމަތިލައި ފުލުހުން މަގު ބަންދުކުރުމަށް ބޭނުންކުރާ ބެރިކޭޑް ނަގައި އެއްލާލުމާއި، ޤާނޫނު ތަންފީޒުކުރުމުގެ ގޮތުން އެއްވުންތައް ހުއްޓުވައި ކޮންޓްރޯލްކުރުމަށް ބޭނުންކުރާ ޝީލްޑް އަތުލުމަށް މަސައްކަތްކޮށް، ޝީލްޑެއް ނަގައި އެއްވުމުގެ ބައިވެރިން ޤާނޫނާ ޚިލާފު ހަރަކާތްތަކެއް ހިންގާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ޤާނޫނާ ޚިލާފަށް އެއްވުން ކުރިއަށް ގެންދާތީ، ޤާނޫނު ނެގެހެއްޓޫމުގެ ގޮތުން ނަސޭހަތާއި އިންޒާރު ދިނުމަށްފަހު، އެ އެއްވުން ހުއްޓުވުމުގައި ޤާނޫނު ހުއްދަކުރާ ބާރުގެ ބޭނުން ކެތްތެރިކަމާއި ޕްރޮފެޝަނަލް ކަމާއެކު ކޮށްފައިވާނެކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި ބާރުގެ ބޭނުންކޮށްފައިވަނީ، ފުލުހުންނަށް ލިބިދޭ ޤާނޫނީ ބާރާއި އިހުތިޔާރުގެ ދާއިރާގެ ތެރެއިން، ހުއްދަކޮށްފައިވާ ގޮތަށް، އެ ހާލަތާ ބައްދަލު ގޮތަށްކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.