އަންހެން ކުދިންނަށް ބިރުވެރިކަމެއް ނެތް މުޖުތަމައުއެއް ބިނާކުރުމުގައި ދެމިތިބޭނަން: ސީޕީ
12 އޮކްޓޯބަރު 2025 - 06:39

މި ގައުމުގެ ކޮންމެ އަންހެން ކުއްޖަކަށް ވެސް، ބިރުވެރިކަމެއް ނެތި އެ ކުދިންގެ ހުވަފެންތައް ހާސިލުކުރުމަށް ބާރު ލިބިދޭ މުޖުތަމައުއެއް ބިނާކުރުމުގެ އަޒުމުގައި ދިވެހި ފުލުހުން ޚިދުމަތުން މަސައްކަތްކުރަމުގައި ދެމިތިބޭނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ "އިންޓަރނޭޝަނަލް ޑޭ އޮފް ގަރލް ޗައިލް" ނުވަތަ، ބައިނަލްއަގުވާމީ އަންހެން ކުދިންގެ ދުވަހާ ގުޅިގެން ދެއްވި މެސެޖެއްގައެވެ.

Ad by Hajj Corporation
ކޮމިޝަނަރގެ މެސެޖުގައި، އޮކްޓޫބަރު 11 ވަނަ ދުވަހު ބައިނަލްއަގުވާމީ އަންހެން ކުދިންގެ ދުވަސް ފާހަގަކުރަމުންދާއިރު، ހަނދާންކޮށްދެނީ ކޮންމެ އަންހެން ކުއްޖެއްގެ ކިބައިގައިވާ ގާބިލުކަމާއި އެކުދިންގެ ހިތްވަރާއި ކުރިމަގަށް އެކުދިން ކުރަމުންދާ އުންމީދުކަން ފާހަގަކުރެއްވިއެވެ.
އަދި ދިވެހި ފުލުހުން ޚިދުމަތުން މަސައްކަތްކުރަމުންދާނީ އަދި ދެމިތިބޭނީ، ކޮންމެ އަންހެން ކުއްޖަކަށް ވެސް ރައްކާތެރިކަމާއި، އިހުތިރާމް އަދި ބިރުވެރިކަމެއް ނުވަތަ ހުރަހެއް ނެތި އެ ކުދިންގެ ހުވަފެންތައް ހާސިލުކުރުމަށް ބާރު ލިބިދޭ މުޖުތަމައުއެއް ބިނާކުރުމުގެ އަޒުމުގައިކަން ފާހަގަކުރައްވާފައިވެއެވެ.
ހަމަ އެހެންމެ އަންހެން ކުދިންގެ ހައްގުތަކާއި ދުޅަހެޔޮކަން ރައްކާތެރިކުރުމަކީ ހަމައެކަނި ޒިންމާއެއް ނޫންކަމާ އެއީ ގައުމުގެ މުސްތަގުބަލަށްޓަކައި ކުރެވޭ އިންވެސްޓްމަންޓެއްކަން ފާހަގަކުރެއްވިއެވެ.
ކޮމިޝަނަރގެ މެސެޖު ނިންމަވައިލައްވާފައި ވަނީ ކޮންމެ ކުއްޖަކީ ވެސް މުޖުތަމައުގައި އިތުބާރާއި، ހަމަހަމަ ފުރުސަތުތައް ލިބި އަދި އިހުތިރާމާއެކު ބޮޑުވާ ކުއްޖެއްކަން ކަށަވަރުކުރުމަށްޓަކައި އެންމެން އެކުގައި މަސައްކަތް ކުރުމަށް ބާރުއަޅުއްވަމުންނެވެ.
"އިންޓަރނޭޝަނަލް ޑޭ އޮފް ގަރލް ޗައިލް"އަކީ މުޖުތަމަޢުގައި އަންހެން ކުދިންނާމެދު ހަމަހަމަކަން ޤާއިމުކުރުމާއި އަންހެން ކުދިންނަށް ސަލާމަތާ ރައްކާތެރެރިކަން ދިނުމަށް ހޭލުންތެރިކުރުމަށް ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ދުވަހެވެ. މި ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ އޮކްޓޯބަރު މަހުގެ 11ވަނަ ދުވަހުއެވެ.