އެއްބަސްވުމާ އެއްގޮތަށް ބިދޭސީންގެ ފީތައް ނުދައްކާ ފަރާތްތަކަށް ދެން އިތުރު ފުރުޞަތެއް ނުދޭނެ
5 އޮކްޓޯބަރު 2025 - 12:50

ބިދޭސީންނާ ގުޅޭ ޖޫރިމަނާއާއި ފީތައް ދެއްކުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެ ޖޫރިމަނާތަކާއި ފީތައް ދައްކަމުން ނުދާ ފަރާތްތަކަށް އިތުރު ފުރުޞަތެއް ދެން ނުލިބޭނެކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން ބުނީ 1 ސެޕްޓެމްބަރު 2024ގައި، ހަދާފައިވާ ސެޓްލްމަންޓް އެގްރީމަންޓްގެ ދަށުން، ފީތައް ދައްކަމުންދާ ގިނަ އަދަދެއްގެ ވަޒީފާދޭ ފަރާތްތަކުން، އެ ވުޒާރާއިން ދީފައިވާ މުއްދަތުގެ ތެރޭގައި ފީތަކާއި ޖޫރިމަނާތައް ދައްކާ ޚަލާސްކުރުމަށް ގޮންޖެހުންތައް ހުރިކަމަށްބުނެ ޝަކުވާ ހުށަހަޅަމުންދާކަމަށެވެ.

Ad by Hajj Corporation
ވުމާއެކު 2025 އޮކްޓޯބަރ 10 ވަނަ ދުވަހުން ފެށިގެން، ގަވާއިދުން ފީތައް ދައްކާ ވަޒީފާދޭ ފަރާތްތަކަށް، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ވަކި މުއްދަތެއްގެ ތެރޭގައި ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާސްކުރުމަށް ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް، ނިންމާފައިވާކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ.
އެއްބަސްވުމަށް ގެންނަ ބަދަލުތަކުގެ ތަފްސީލު އެކްސްޕެޓް ސިސްޓަމް ހޯމްޕޭޖް މެދުވެރިކޮށް، ވަޒީފާދޭ ފަރާތްތަކަށާއި ސިސްޓަމް ބޭނުންކުރާ ފަރާތްތަކަށް ލިބެމުންދާނެކަމަށާއި އަދި ފާއިތުވެދިޔަ މުއްދަތުގައި، ސެޓްލްމަންޓް އެގްރީމަންޓްގެ ދަށުން އެއްވެސް ފައިސާއެއް ދައްކާފައިނުވާ ފަރާތްތަކަށް އިތުރު އެއްބަސްވުމެއްގެ ދަށުން، ފައިސާ ދެއްކުމުގެ ފުރުޞަތު ނުލިބޭނެ ކަމުގައި ވުޒާރާއިން ވަނީ އަންގާފައެވެ.
ރާއްޖޭގެ އެކްސްޕެޓް ޕޯޓަލްގައި ވަޒީފާދޭ 68،000 ފަރާތް ރަޖިސްޓްރީވެފައިވާއިރު ބިދޭސީންނާ ގުޅޭ ފީތައް ނުދައްކައިގެން 8،000އަށްވުރެ ގިނަ ފަރާތް، އެކްސްފެޓް ސިސްޓަމުން ވަނީ ސަސްޕެންޑްކޮށްފައެވެ. އަދި ބިދޭސީންގެ ފީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ވުޒާރާއިން ފެށިއިރު ދައުލަތަށް ނުލިބި 1.7 ބިލިޔަން ރުފިޔާ އޮތްކަމަށާއި ނަމަވެސް މިހާރު ތެރެއިން 1.2 ބިލިޔަން ރުފިޔާ އަނބުރާ ދައުލަތަށް ވަނީ އަނބުރާ ހޯދާފައެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކަމާ ގުޅުންހުރި ހުރިހާ އިދާރާއެއް ގުޅިގެން މަސައްކަތްކުރަން ފެށީ، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެގޮތުން ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ ބަޔޯ މެޓްރިކްސްނަގައި، އެކްސްޕެޓް ސިސްޓަމް އިތުރަށް ހަރުދަނާކޮށް ބިދޭސީންނާއި ގުޅުންހުރި އެކި ކަންކަމުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށާއި، ރާއްޖޭގައި އުޅޭ ބިދޭސީން ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.