އެލްއާރްއޭޑީ އެންމެ ފުރަތަމަ ބޭނުންކުރީ ރައީސް ޔާމީންގެ ވެރިކަމުގައި: އިހުސާން
6 އޮކްޓޯބަރު 2025 - 04:41

ދިވެހި ފުލުހުން އެންމެ ފުރަތަމަ ލޯންގް ރޭންޖް އެކޮސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ބޭނުންކުރީ 2013 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގައިކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އެއްވުން ރޫޅާލުމަށްޓަކައި ފުރަތަމަފަހަރަށް ފުލުހުން ބާރު އަަޑެއް ފޮނުވައި ލޯންގް ރޭންޖް އެކޮސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ބޭނުންކޮށްފައިވާކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ.

Ad by Hajj Corporation
އެލްއާރުއޭޑީ އަކީ މީގެ ކުރިން ރާއްޖޭގައި މިފަދަ އެއްވުންތައް ރޫޅާލަން ބޭނުން ކޮށްފައި ނުވާ ހަތިޔާރެއްކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
އަދި މި ހަތިޔާރުގެ ސަބަބުން ދާއިމަށް އަޑު ނީވުން، ބޯ އެނބުރުން، ފަދަ ނުރައްކާތެރި ސިއްހީ ހާލަތްތައް ކުރިމަތިވުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ފަރާތްތަކުން ބުނެއެވެ.
މިކަމާ ގުޅިގެން ވަޒީރު ވިދާޅުވީ އެލްއާރުއޭޑީގެ ވަސީލަތްތަކަކީ 100އަށްވުރެ ގިނަ ގައުމުތަކުގައި އާންމު ސަލާމަތީ އިދާރާތަކާއި، ސިފައިންނާއި އަދި ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން ބޭނުންކުރަމުން އަންނަ ވަސީލަތްތަކެއްކަމަށާއި ޖަމާވެފައިވާ ބަޔަކު ކޮންޓްރޯލްކުރުމަށާއި، ސަރަޙައްދީ ސަލާމަތްތެރިކަން ދެމެހެއްޓުމަށާއި، ކަނޑުމަތީގެ ސަލާމަތްތެރިކަމަށާއި، އަދި ކުއްލި ނުރައްކަލުގެ އެންގުންތައް އެންގުމަށް މިފަދަ ވަސީލަތްތައް ބޭނުންކުރަމުން އަންނަކަމަށެވެ.
އަދި ރާއްޖޭގައި ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސްއިން ބޭނުންކުރާ ދުއްވާ އުޅަނދުތަކުގައި އެލްއާރްއޭޑީ 450 އެކްއެލްއެއް ހަރުކޮށްގެން ބޭނުންކޮށްފައިވަނީ 2013 ވަނަ އަހަރުގައިކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން އެލްއާރްއޭޑީ 100 އެކްސް މަރުކާ އެންމެ ފުރަތަމަ ބޭނުންކުރީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ދައުރުގައި މޭ 2023 ގައި ހިންގި އޮޕަރޭޝަންތަކުގައިކަމަށް ވަޒީރު ވިދާޅުވިއެވެ.
އެލްއާރުއޭޑީއަކީ މުޒާހަރާތައް ކޮންޓްރޯލް ކުރަން ބޭނުންކުރާ ނޮން-ލީތަލް ހަތިޔާރެކެވެ. މުޒާހަރާ ކޮންޓްރޯލް ކުރުމަށް އަދި ފުލުހުންގެ އަމުރަށް ތަބާނުވެއްޖެ ނަމަ ކަންފަތަށް އުނދަގޫވާ ވަރުގެ ވަރަށް ތޫނު އަޑެއް އެއިން ފޮނުވާލައެވެ.
ހުކުރު ދުވަހުގެ ރޭގެ މުޒާހަރާ ރޫޅާލާފައި ވަނީ ފުލުހުންނަށް ލިބިދީފައިވާ ބާރުގެ ދަށުން ކަމަށް ފުލުހުންވަނީ ބުނެފައެވެ.