މީހަކު ރަހީނުކޮށް ވަޅިން ބިރުދައްކައި ބަރަހަނާ ފޮޓޯނަގައި ފޭރުނު ދެ މީހަކު ހައްޔަރުކޮށްފި

9 އޮކްޓޯބަރު 2025 - 05:41

ހުޅުމާލޭގައި މީހަކު ރަހީނުކޮށް، ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދައްކައި އެމީހާ ބަރަހަނާކޮށް ފޮޓޯއާއި ވީޑިއާ ނަގައި ފައިސާ އަތުލިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނިގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިނީ ހއ. ފިއްލަދޫ / ސީރީންމަންޒިލް، މުޙައްމަދު ޟަމީރު (29އ) އާއި ގދ. ނަޑެއްލާ / ހިތަށްފިނިވާގެ، ޝަހުމީން ރަޝީދު (27އ) އެވެ.

Ad by Hajj Corporation
މި ދެ މީހުން ހައްޔަރުކޮށްފައިވަނީ އޮކްޓޫބަރު 4 ވަނަ ދުވަހު ހުޅުމާލެއިން ކޯޓު އަމުރެއްގެ ދަށުންނެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހުޅުމާލޭގެ ގެއެއްގައި ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މި ހާދިސާގައި މީހަކު ރަހީނުކުރުމަށްފަހު، ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދައްކައި، މާރާމާރީ ހިންގައި، އަނިޔާކޮށް، އެ މީހާ ބަރަހަނާކޮށް، ފޮޓޯއާއި ވީޑިއޯ ނަގައި، ފޯނާއި ފައިސާ އަތުލައިގެން ގެންގޮސްފައިވާ ކަމަށް ތުހުމަތުކުރެވެއެވެ. އަދި އޭގެ ފަހުންވެސް އިތުރު ފައިސާ ހޯދަން މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ދެ މީހުންގެ ތެރެއިން ޝަހުމީން ރަޝީދު ވަނީ ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައެވެ. އަދި މުޙައްމަދު ޟަމީރު 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.
މި މައްސަލައަކީ ޖިނާއީ ބޮޑު މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަމުންދާ މައްސަލައެކެވެ. އަދި މި މައްސަލައިގެ ތަޙުޤީޤު މިވަގުތު ދަނީ ކުރިއަށެވެ.