ސްކޭމްގެ އެކި މައްސަލަތަކުގައި ގެއްލުނު ދެ ލައްކައަށްވުރެ ގިނަ ފައިސާ ހޯދައިފި
9 އޮކްޓޯބަރު 2025 - 07:39

ފުލުހުންނަށް ހުށަހެޅުނު ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ތެރެއިން ދެ ލައްކައަށްވުރެ ގިނަ ފައިސާ ފާއިތުވި ހަފްތާގައި ހޯދާފައިވާ ކަމަށް އެންޓި ސްކޭމް ސެންޓަރުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެންޓި ސްކޭމް ސެންޓަރުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ، ސެޕްޓެންބަރު މަހުގެ 28 އިން މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ސްކޭމްގެ 42 މައްސަލައެއް ހުށަހެޅިފައިވެއެވެ. މިމައްސަލަތަކުގައި ޖުމްލަ 318،342.50 ރުފިޔާ ގެއްލިފައިވާއިރު، މިފައިސާގެ ތެރެއިން ޖުމްލަ 221،243.33 ރުފިޔާ ވަނީ އަނބުރާ ހޯދާފައެވެ.

Ad by Hajj Corporation
މި މުއްދަތުގައި ހުށަހެޅުނު މައްސަލަތަކަށް ބަލާއިރު، ސްކޭމްގެ އެންމެ ގިނައިން ހުށަހެޅިފައިވަނީ އިކޮމަރސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި މައްސަލަތަށް ކަމަށް ފުލުހުން ބުނެފައިވެއެވެ. އެގޮތުން މިފަދަ 19 މައްސަލައެއް ހުށަހެޅިފައިވާއިރު، ދެން އެންމެ ގިނައިން ހިމެނެނީ ކަރަންސީ އެކްސްޗޭންޖުގެ މައްސަލަ ކަމަށާއި، ކަރަންސީ އެކްސްޗޭންޖުގެ 6 މައްސަލައެއް ހުށަހެޅިފައިވާއިރު، މި މުއްދަތުގައި އިމްޕަރސަނޭޝަންގެ 7 މައްސަލަ ހުށަހެޅިފައިވާ ކަމަށް ވެސް ތަފާސް ހިސާބުތަކުް ދައްކައެވެ.
ސްކޭމްގެ މައްސަލަތަކުގައި އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ފޯންކޯލް، އައިބޭ، އޮންލައިން މެސެޖިންގ ، ފިޝިންގ ލިންކުތައް އަދި ފޭސްބުކް މާކެޓް ޕްލޭސްއިން ހިންގާފައިވާ ސްކޭމްގެ މައްސަލަތަކެވެ.ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން އިތުބާރުކޮށް ފައިސާ ދިނުމުގެ ކުރިން އެ ފަރާތެއްގެ ސައްހަކަން ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމަށާއި އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓަރ އޮތެންޓިކޭޝަން ހެދުމަކީ މިފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއް ކަން އެންޓި ސްކޭމް ސެންޓަރުން ދަނީ އަބަދުވެސް އަންގަމުންނެވެ.
އަދި ފަދަ މައްސަލަތައް އަވަހަށް ފުލުހުންނަށް ރިޕޯޓްކުރުމަކީ ފައިސާ އަނބުރާ ހޯދުމަށް ފަސޭހަވެގެންދާނެ ކަމެއް ކަމަށް ވެް އެ ސެންޓަރުން ވަނީ ބުނެފައެވެ.