އިސްރާއީލުގެ ވެރިން އިންސާފުގެ ކުރި މައްޗަށް ގެނައުމަށް ރާއްޖެއިން ގޮވާލައިފި
10 އޮކްޓޯބަރު 2025 - 06:47

ޣައްޒާގެ ސުލްހައިގެ ޕްލޭންގެ ފުރަތަމަ ފިޔަވަހި ތަންފީޒުވާން ފެށިނަމަވެސް ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓުން ޔަހޫދީ ދައުލަތުގެ ވެރިންނާއި ދެކޮޅަށް ނެރުފައިވާ އަމުރު ތަންފީޒުކޮށް އެމީހުން އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭކަމަށް ރާއްޖެއިން ގޮވާލައިފިއެވެ.
ރާއްޖެއިން ވަނީ އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަމްޕް އިސްވެ އެކުލަވާލާފައިވާ ޣައްޒާގެ ސުލްހައިގެ ޕްލޭންގައި ހިމެނޭ ކަންކަން ތަންފީޒުކުރަން ފެށުމާއެކު އެކަމަށް މަރުހަބާ ކިޔާފައެވެ.

Ad by Hajj Corporation
ސުލްހައިގެ ޕްލޭން ތަންފީޒުވާންފެށުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބުނު އުއްމީދެއްކަމަށް ވިދާޅުވެ މާޒީގައި މިފަދަ އެއްބަސްވުންތަކާ ޔަހޫދީން ތަކުރާރުކޮށް ހިލާފުވެފައިވާތީ އެކަން ތަކުރާރުނުކުރުމަށް ގޮވާލައި މި އެއްބަސްވުމަށް ޔަހޫދީން ފުރިހަމަ އަށް އިހުތިރާމުކުރަން ރާއްޖެއިން ގޮވާލާފައިވެއެވެ.
ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަޤިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖޭން އަބަދުވެސް ތާއީދު ކުރާނެކަމަށާއި މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި، ޞުލްޙަވެރި ޙައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަޙައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމްކުރެވިގެންކަމުގައި ދިވެހިރާއްޖެއިން ދެކޭކަން ވަނީ މި ބަޔާނުގައިވެސް ހާމަކޮށްފައެވެ.
ދެ އަހަރުވީ ގަތުލުއާއްމު ހުއްޓައިލަން ޔަހޫދީން އެއްބަސްވެފައިވީނަމަވެސް މިއަދުވެސް ޣައްޒާގެ އެކި ހިސާބުތަކަށް އަމާޒުކޮށް ޔަހޫދީން އަންނަނީ ހަމަލާތައް ދެމުންނެވެ.
އުދުވާން ހުއްޓައިލުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރިނަމަވެސް އެ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް ޔަހޫދީންނަކަށް އަދި ގާނޫނީ ގޮތުން ލާޒިމެއް ނުވެއެވެ. އެއްބަސްވުމުގައިވާ ގޮތުން އެ އެއްބަސްވުން ތަންފީޒުކޮށް އަމަލުކުރަން ފަށާނީ ޔަހޫދީ ޣައުރު ގާނޫނީ ސަރުކާރުން އެ އެއްބަސްވުން ތަސްދީގު ކުރާތާ 24 ގަޑިއިރުގެ ތެރޭގައެވެ.


