ފުލުހުން އަދާކުރާ ޤައުމީ ވާޖިބަށް މިކުރަނީ ސެލިއުޓް!

10 އޮކްޓޯބަރު 2025 - 15:05

އަތްވާއި ގަދަ ހޫނާއި ބޯ ކެރީގެ ތެރޭގައި ވިޔަސްމެއެވެ. ގަދަ ވަޔާއި އުސްރާޅުތައް ދައުރުވާ ގަދަ ކަނޑުގައިވިޔަސް މެއެވެ. ތިމާގެ ފުރާނައަށް ނުރައްކަލެއް ހުށަހެޅޭ ވަގުތުކަމުގައި ވިޔަސްމެއެވެ. ތިމާގެ އަގުބޮޑު މުދާ ގެއްލިދާ ތަންވަޅު ކަމުގައިވިޔަސް މެއެވެ. ތިމާގެ ވެށިން ހަމަނުޖެހުމާއި، މާރާމާރީއާއި ކުރިމަތިވާ ހިނދުވިޔަސް ހެވެވެ. މި ޤައުމުގެ ކޮންމެ ތަނެއްގައި، ކޮންމެ ވަގުތެއްގައި ތިބާއާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި، ހިމާޔަތަށް ބޭނުންވާ ހިނދެއެވެ. އެ ހިނދު ތިމާގެ މަދަދުގާރަކީ ދިވެހި ފުލުހުންނެވެ. ދިވެހި ފުލުހުންގެ ސައުވީސް ގަޑިއިރުގެ މަސައްކަތެއްކަމުގައި ވެފައި އޮންނަނީ މި މުޖުތަމައު ކުށުން ރައްކާތެރިކޮށް، އަމާންކަން ގާއިމުކޮށްދިނުމެވެ. ކިތައްމެ އުނދަގޫ، ނުރައްކާތެރި ހާލަތުގައި ވެސް ރައްކާތެރި މުޖުތަމައެއް ބިނާކުރުމުގައި ފުލުހުން ފަހަކަށްނުޖެހެއެވެ.
މިފަދަ ގަދަރުވެރި، ފަޚްރުވެރި، އިޚްލާޞްތެރި ޚިދުމަތެއް ދެމުން އަންނަ ދިވެހިދަރީންގެ ނަން ކިލަނބުކޮށް، އިންޒާރުދީ، ދޮގުވާހަކަފަތުރައި، ފުލުހުންނާއި މުޅި އެ މުއައްސަސާގެ ގަދަރު ރައްޔިތުންގެ މެދުގައި ކުޑަކޮށް، ބަޔަކު ކުރާ ނޭއްގާނީ ޢަމަލުތަކަކީ ޤައުމުގެ ''ހިތުން'' މަޢާފްދޭނެ ކަމެއްނޫނެވެ.

Ad by Hajj Corporation
ހަނދާންއައުކޮށްލުމެއް: އެއްވެއުޅުމުގެ މިނިވަންކަން ފުޅާކުރީ މި ސަރުކާރުން
އެމްޑީޕީގެ ސަރުކާރުން އެއްވެއުޅުމުގެ މިނިވަންކަން ވަރަށްބޮޑަށް ހަނިކޮށްފައިވަނިކޮށް މި ސަރުކާރުން ވަނީ މާލޭގައި އެއްވެވޭނެ އިތުރު ތަންތަން ހަމައްސާފައެވެ. އެމްޑީޕީ ސަރުކާރު ނިމުނުއިރު މާލޭގައި އެއްވެއުޅުމުގެ ހުއްދަ އޮންނަނީ ކާނިވާ ސަރަހައްދުގައި އެކަންޏެވެ. ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ކާނިވާ ސަރަޙައްދުގެ އިތުރުން މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި ކަނޑައެޅި ސަރަހައްދު)، އުސްފަސްގަނޑާއި އަދި ރަސްފަންނު، ކުރިން ހުއްދަ ނެގުމަކާ ނުލައި ސިޔާސީ ހަރަކާތްތައް ހިންގޭނެ ތަންތަނުގެ ގޮތުގައި ކަނޑައަޅާފައެވެ.
އިދިކޮޅު އެމްޑީޕީން މާލޭގައި ހައިޖާނުހަދަން އުޅުން
3 އޮކްޓޯބަރު 2025 ގައި މާލޭގައި އިދިކޮޅު އެމްޑީޕީން މުޒާހަރާއެއް ބޭއްވިއެވެ. އެއީ އެއްވުމެކޭ، ހިނގާލުމެކޭ ވެސް ކިޔެވެ. ފަހުން ބަދަލުވީ ޖަލްސާއަކަށޭވެސް ކިޔެވެ. ކޮންމެއަކަސް އެ ކުރާންއުޅުނުކަމަށް (ސިޔާސީ ހަރަކާތެއް) ތައްޔާރުވުމަށް އެމްޑީޕީން ފުލުހުންނާއި ބައްދަލުކޮށް، އެސިޔާސީ ހަރަކާތެއް ކުރިއަށް ގެންދާނެގޮތުގައި މައުލޫމާތު ހިއްސާކުރިއެވެ.
އެއަށްފަހު އޮކްޓޯބަރު 1 ވަނަ ދުވަހު ފުލުހުން ވަނީ އިދިކޮޅު ސިޔާސީ ފަރާތްތަކުން ސިޔާސީ ހަރަކާތް ހިންގަން ހުއްދަ ދެވިފައިވާ ސަރަހައްދާއި، ރޫޓްގެ މައުލޫމާތު އާންމުކޮށްފައެވެ. ނަމަވެސް އޮކްޓޯބަރު 3 ވަނަ ދުވަހުގެ ރޭ އެމްޑީޕީން އާޓިފިޝަލް ބީޗަށް އެއްވުމަށްފަހު، އިރުކޮޅަކު އެތާ ތިބެލާފައި ދެން އުޅުނީ، ހަރަކާތް ހިންގަން ކަނޑައެޅިފައިވާ ރޫޓާއި ޚިލާފްވެ، މުޅި މާލެ ތެރެއަށް އަރައިގަންނާށެވެ.
ފުލުހުންގެ ވާޖިބު އަދާކުރުމުގައި ދެމިތިބި
އެމްޑީޕީގެ ހިނގާލުމުގެ މިސްރާބު މުޅި މާލެތެރެ ހަލަބޮލިކުރުމާއި ދިމާއަށް ހިފިއިރު، ފުލުހުން ތިބީ ކަނޑައެޅިފައިވާ ރޫޓް އެމްޑީޕީއަށް ހުޅުވާލައިގެންނެވެ. ނަމަވެސް އެ ރޫޓާއި ޚިލާފަށް ފެތުރިގަންނަން ފުރުސަތެއް ނުދިނެވެ. އެހިސާބުން އެމްޑީޕީގެ އެކްޓިވިސްޓުންނާއި ބައެއް ބޮޑުން ކުރިއަށްެޖެހި ފުލުހުންނާއި ކުރިމަތިލިއެވެ. އެކަމު ފުލުހުންގެ ޝީލްޑެއް އަތުލައިގަތް މަންޒަރުވެސް ފެނުނެވެ. ބައެއް އެކްޓިވިސްޓުން ލަޓިބުރިފަދަ ތަކެތި ގެންގުޅުނުކަމަށް ވެސް ވީޑިއޯތަކުން ފެނެއެވެ. އެހިސާބުން އޮތީ އެމްޑީޕީގެ އެކްޓިވިސްޓުން ޢަމަލުތައް ހައްދުން ނެއްޓިފައެވެ. ނަމަވެސް ފުލުހުންގެ ސަފު ރުކުރުވާލާފައި އޮތީ އާންމު މަސްލަހަތާއި މުޖުތަމައުގެ ހަމަޖެހުމަށްޓަކައި ބަދަހިކަންމަތީގައެވެ.
ބައެއް މީހުން ހައްޔަރުކުރުން
އެމްޑީޕީގެ އެ ހަރަކާތް ކުރިއަށް ގެންދަން ހުއްދަ ދީފައިވަނީ އަމީނީމަގާއި ބޮޑުތަކުރުފާނު މަގުގަ އެވެ. ނަމަވެސް އެމްޑީޕީގެ މަޖީދީމަގުން ކުރިއަށް ދާން އުޅުމުން ފުލުހުން ހުރަސް އެޅުމުން ފުލުހުންގެ ވާޖިބަށް ހުރަސްެއެޅި ބައެއް މީހުންހައްޔަރުކުރިއެވެ. ނަމަވެސް އެ ހިސާބަށް ފުލުހުން ދިޔައީ ހުއްދަ ދީފައިވާ މަގުތައް ނޫން އެހެން މަގަކުން ދާން އުޅުމުން އެގޮތަށް އަމަލު ނުކުރުމަށް ތަކުރާރުކޮށް މުޒާހަރާގެ ބައިވެރިންނަށް ނަސޭހަތްތެރިވެ އިންޒާރު ވެސް ދިނުމަށްފަހުއެވެ. އެމްޑީޕީގެ ސަޕޯޓަރުން ފުލުހުންގެ ނަސޭހަތަށް އިޖާބަ ނުދީ، ފުލުހުންނާ ދިމާލަށް ގަލާއި ފެންފުޅި އުކައި ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތްކޮށް ފުލުހުންގެ ވާޖިބު އަދާކުރަން ހުރަސް އެޅިއެވެ.
އެމްޑީޕީއަށް ގޯސްވީ ފުލުހުން
ހުއްދަ ލިބިފައިވާ ރޫޓާ އެމްޑީޕީން ޚިލާފުވެ، ފުލުހުންނާއި ކުރިމަތިލައި، ވާޖިބަށް ހުރަސްއެޅުމަށްފަހު ވެސް އެމްޑީޕީއަށް ގޯސްވީ ފުލުހުންނެވެ. ނަމަވެސް ފުލުހުން އަދާކުރީ ގާނޫނުން އެ މުއައްސަސާއާއި ހަވާލުކޮށްފައިވާ ޒިންމާއެވެ. ގާނޫނު ނަގަހައްޓާ އެންމެ މުހިންމު އެއް ގުނަވަނުގެ ގޮތުގައި ފުލުހުން އެރޭ ދެއްކީ ޒިންމާދާރު ނަމޫނާއެކެވެ.
އެމްޑީޕީއަށް މީގެ ކުރީން ވެސް ފުލުހުން ގޯސްެވެގެން އުޅެއެވެ. އެއީ ބޭނުންހާ، ހިތުހުރި ގޮތަކަށް ކަންކުރަން ފުލުހުން ބޯ ނުލަނބާތީއެވެ.
އެމްޑީޕީގެ އިންޒާރު ފުލުހުންނާއި ޢާއިލާތަކަށް
ކުރިންވެސް ފާހަގަކުރިގޮތަށް، އޮކްޓޯބަރު 3 ވަނަ ދުވަހުގެ ރޭ އެމްޑީޕީން އިންތިޒާމުކޮށްގެން ބޭއްވި ހަރަކާތުގެ ބައިވެރިން މަގުމައްޗަށް ނުކުމެ، އޭގެ ތެރެއިން ބައެއް މީހުން ވަނީ ފުލުހުންނާ ކުރިމަތިލައި ގާނޫނާ ހިލާފު ހަރަކާތްތަކެއް ހިންގާފައެވެ.
އެއަށްފަހު އެމްޑީޕީން ދެން ކުރަން ފެށި ކަމަކީ އެ ޕާޓީން ބޭއްވި މި ސިޔާސީ ހަރަކާތުގައި ގާނޫނާ ހިލާފަށް އަމަލުކުރަން ފެށުމުން އެކަން ހުއްޓުވަން އުޅުނު ފުލުހުންނާއި އެ މީހުންގެ އާއިލާތަކަށް ނިސްބަތްކޮށް ނަފްރަތު އުފެއްދުމުގެ މަސައްކަތެވެ. އެ އެއްވުން ހުއްޓުވައި އަމަން ގާއިމުކުރުމަށް މަސައްކަތްކުރި ވަކިވަކި ފުލުހުންނާއި އެ މީހުންގެ އާއިލާގެ ބައެއް ފަރާތްތަކުގެ ޒާތީ މައުލޫމާތު ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އާންމުކޮށް އެކި ޒާތްޒާތުގެ ދޮގާއި ނަފުރަތު ފަތުރައި އިންޒާރުދޭން ފެށީއެވެ.
ގާނޫނު ތަންފީޒުކުރާ މުވައްޒަފުން ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ގޮތުން، ވަކިވަކި އޮފިސަރުންނާއި އެ މީހުންގެ އާއިލާއަށް ނަފްރަތު އުފެދޭ ގޮތަށް އަމަލުކުރުމާއި އެމީހުންގެ އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރުކުރާ ގޮތަށާއި އެ މީހުންނަށް ބިރު ހީވާ ގޮތަށް އެމްޑީޕީން އަންނަނީ ޢަމަލުކުރަމުންނެވެ.
އެމްޑީޕީގެ ސިއްރު އެޖެންޑާއެއް
އެމްޑީޕީން ހިތުހުރި ގޮތަކަށް އެރޭ ދޫކޮށްލިނަމަ އެތައް ނުރަނގަޅު ނަތީޖާއެއް ނުކުތުން ދާދިގާތެވެ. ފުލުހުންގެ އެ މަސައްކަތަކީ ގާނޫނު ނެގެހެއްޓުމާއިއެކު އާންމު މަސްލަހަތާއި ގުޅިފައިވާ މުހިންމު މަސައްކަތެކެވެ. ފުލުހުން އެރޭ އެ ހިތްވަރު ނުނެރުނުނަމަ މާލޭގެ އާންމު ދަތުރުފަތުރަށް އެއްކޮށް ބުރޫއަރައި އަސާސީ ބޭނުންތައް ފުއްދަން އުޅެމުންދިޔަ އެތައް އާންމުންނަކަށް ދަތިތައް ކުރިމަތިވީހެވެ. އެއިގެ ތެރޭގައި ހޮސްޕިޓަލްތަކާއި ކްލިނިކްތަކުގެ އެޕޮއިންޓްމަންޓްތަކަށް ނުދެވުމާއި، ވަޒީފާ އަދާކުރުމަށް ދިޔުމަށާއި، އާންމު ބޭނުންތަކަށް މީހުންނަށް އެއްތަނުން އަނެއްތަނަށް ހުރަސްއެޅެން ދިމާވުން ހިމެނެއެވެ. އަދި މަގުތަކުގެ ހުއްޓުމާއެކު ޓެކްސީ ދަތުރުކުރާމީހުންގެ މަސައްކަތަށް ވެސް ހުއްޓުން އައީހެވެ.
މިކަމުގައި އޮތް އަނެއް ނުރައްކަލަކީ މިކަމުގެ ފަހަތުގައި އެމްޑީޕީގެ ސިއްރު އެޖެންޑާއެއް އޮތްކަން ދޭހަކޮށްދިނުމެވެ. އެ ޖެންޑާ ހާސިލް ކުޅައުމަށް އެކްޓިވިސްޓުން ހިންގާ ކަންކަމުގެ ސަބަބުން އާންމު ރައްޔިތުންގެ މުދަލަށް ގެއްލުން ލިބުމާއި، އާންމު ރައްޔިތުންގެ ނަފްސަށް ގެއްލުން ލިބުމުގެ ފުރުސަތު ވެސް އޮތެވެ. ހަމައެހެންމެ ގާނޫނޫ ވެރިކަމާއި އިދިކޮޅަށް ނުކަސިޔާރުކަން ދެއްކުމަކީވެސް ކޮށްފާނެކަމެކެވެ.
ފުލުހުން އަދާކުރީ ގައުމީ ވާޖިބެއް
ދިވެހި ފުލުހުންނަކީ އަބަދުވެސް ވާޖިބަށް ހުރުމަތްތެރިކޮށްހިތާ، މުޖުތަމައުގެ އަމަންއަމާންކަމާއި، ރައްކާތެރިކަމަށް މަސައްކަތްކުރާ ފަހުލަވާނުންތަކެކެވެ. ފުލުހުންގެ ތަޞައްވުރާއި އެއްގޮތަށް ރައްކައުތެރި މުޖުތަމަޢެއް އެކުގައި ބިނާކުރުމުގެ އާރުކާޓީންނެވެ. ގާނޫނު ތަންފީޒު ކުރުމުގައި ވަކި މީހަކަށް، ފިކުރަކަށް ބެލުމެއްނެތި މަސައްކަތްކުރަމުންއަންނަ އިތުބާރުބޮޑު މުއައްސަސާއެކެވެ. އެހެންކަމުން ވަކި ސިޔާސީ ފިކުރަކަށް ތަބާނުވުމަކުން ފުލުހުންގެ އަބުރު ކަތިލެވިގެންނުވާނެއެވެ. ޢާއިލާތަކަށް ފުރައްސާރަ ކުރެވިގެންނުވާނެއެވެ. ޒާތީ މައުލޫމާތު ހާމަކޮށް، ބިރުދައްކަން ކުޑަވެސް ދުލެއް ދެވިގެންނުވާނެއެވެ. އެފަދަ ޢަމަލު ހިންގާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމަކީ މުޖުތަމައު ގޮވާ ގޮވުމެވެ. ފުލުހުންގެ އެ މަސައްކަތަށް ސެލިއުޓް ހައްޤެވެ.