އަންހެން ކުދިންނަށް މުޖުތަމައަށް ޙިދުމަތް ކުރުމުގެ ހަމަހަމަ ފުރުސަތުތައް ހޯދައިދޭން ޖެހޭ: ފަސްޓް ލޭޑީ
11 އޮކްޓޯބަރު 2025 - 13:47

އަންހެން ކުދިންގެ އަޑު އަހައި، އެ ކުދިންނަށް އިޙްތިރާމް ލިބޭނެ މާހައުލެއް ޤާއިމްކުރުމަށް މަސައްކަތްކުރުމުގެ އިތުރުން، އެ ކުދިންނަށް ތަޢުލީމު ޙާޞިލުކޮށް، މުޖުތަމައަށް ޙިދުމަތް ކުރުމުގެ ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތްކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ އަންހެން ކުދިންގެ ދުވަހާއި ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވަނީ، އަންހެން ކުދިންގެ އަޑު އަހައި އެ ކުދިންނަށް އިޙްތިރާމް ލިބޭނެ މާހައުލެއް ޤާއިމްކުރުމަށް މަސައްކަތް ކުރަންޖެހޭކަމަށާއި،އަދި މުޖުތަމައުގެ ތަރައްޤީއަށް އަންހެން ކުދިން ގެންނަ ބަދަލުތަކާއި، ދަތި އުނދަގޫ ވަގުތުތަކުގައިވެސް ސާބިތުކަމާއެކު ކުރިއަށްދާ ދިއުމަކީ އެ ކުދިންގެ ކެރުންތެރިކަން ދައްކުވައިދޭ ކަމެއްކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވަނީ އަންހެން ކުދިންގެ ހިތްވަރާއި، ޤާބިލުކަމާއި އަދި އޯގާތެރިކަން ފާހަގަކުރައްވާފައެވެ.
މި އަހަރުގެ އަންހެން ކުދިންގެ ދުވަހުގެ ޝިއާރަކީ "ދަ ގާލް އައި އޭމް، ދަ ޗައިލްޑް އައި ލީޑް: ގާލްސް އޮން ދި ފްރަންޓްލައިންސް އޮފް ކްރައިސިސް" މިއެވެ. މި ޝިއާރުގެ ދަށުން އަންހެން ކުދިންގެ ލީޑަރޝިޕް ސިފަތައް އިތުރުކޮށް، އެ ކުދިންގެ ދުޅަހެޔޮކަމަށް އިންވެސްޓްކުރުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ.
މި ދުވަސް ފާހަގަކުރަން ފެށީ އަންހެން ކުދިންނަށް ދިމާވާ ގޮންޖެހުންތަކަށް ސަމާލުކަން ގެނައުމަށާއި، އެ ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރުމަށެވެ.