ފުވައްމުލަކުގައި އިމާމުންނާއި ޒުވާން ޚަތީބުން ތާޒާކުރުމުގެ ޕްރޮގްރާމެއް ފަށައިފި
16 އޮކްޓޯބަރު 2025 - 10:52

އިމާމުންނާއި، ޒުވާން ޚަތީބުން ތާޒާކުރުމުގެ ޕްރޮގްރާމެއް ފުވުއްމުލައް ސިޓީގައި ފަށައިފިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނީ، ފުވައްމުލަކުގައި ކުރިއަށްދާ އިމާމުންނާއި، ޒުވާން ޚަތީބުން ތާޒާކުރުމުގެ ޕްރޮގްރާމުގައި ޖުމްލަ 42 ބައިވެރިއަކު ބައިވެރިވެފައިވާކަމަށެވެ.

Ad by Hajj Corporation
އިމާމުންނާއި، ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ މި ޕްރޮގުރާމުގަކީ ޤުރްއާނާއި، ތަޖުވީދުގެ ޢިލްމާއި، ތަފްސީރާއި، ފިޤުހާއި، ޙަދީޘާއި، އަޤީދާގެ ޢިލްމުގެ ދާއިރާއިން އިމާމަކަށް ބޭނުންވާ މުހިއްމު ޢިލްމީ ކަންކަން އުނގަންނައިދީ، މިސްކިތްތައް ބެލެހެއްޓުމުގެ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރެވޭނެ ވަރަށް މި ޕްރޮގުރާމުގެ ތެރެއިން އިމާމުންގެ ޝަޚްޞިއްޔަތު ބިނާ ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގުރާމެކެވެ.
ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމަކީ ރަށްރަށަށް ދިމާވެފައިވާ ޚަޠީބުން ލިބުން ދަތިވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށާއި ޒުވާން ކުދިންނަށް މި ފުރުސަތު ފަހިކޮށްދިނުމަށް ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެއް ޕްރޮގުރާމެވެ.
މި ޕްރޮގްރާމްގެ ބޭނުމަކީ ރާއްޖޭގެ އެކިއެކި ރަށްރަށުގައި އިމާމުން ލިބުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދުމެވެ. އަދި ޒުވާން ކުދިންގެ ހިތްތަކުގައި އިމާމުކަންކުރުމާއި ޚުޠުބާ ކިޔުމަށް ޝައުގުވެރިކަން އުފައްދައި، ދީނަށް ލޯބިކުރުން އެކުދިންގެ ހިތްތަކުގައި އާލާކުރުމަކީވެސް މި ޕްރޮގްރާމްގެ މަގްސަދެކެވެ.
މި ޕްރޮގުރާމުގެ ފުރަތަމަ ތިން ބުރަށްވެސް ބޮޑު ތަރުޙީބެއް ލިބިފައިވާއިރު ވުޒާރާއިން އަމާޒު ހިފާފައިވަނީ މި ފަސް އަހަރުގެ ތެރޭގައި 1000 ޒުވާން ހަތީބުން އުފެއްދުމަށެވެ. އެންމެ ފަހުން މިދިޔަ ޖޫން މަހު ބޭއްވި 3 ވަނަ ބުރުގައި 257 ޒުވާނުން ބައިވެރިވިއެވެ. އެހެންކަމުން ކުރީގެ ބެޗްތަކާއެކު ޖުމްލަ 750 އަށް ވުރެ ގިނަ ޒުވާން ހަތީބުން ކަމަށް ތަމްރީން ކޮށްފައިވާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.