ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ތިންވަނަ މީހާ ވެސް މަރުވެފައި އޮއްވާ ފެނިއްޖެ
19 އޮކްޓޯބަރު 2025 - 05:56

މި މަހުގެ 16 ވަނަ ދުވަހު މާލެއިން ފުރައިގެން ކ.އެރިޔަދޫއަށް ދަތުރުކުރަމުން ދިޔަ ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ގެއްލިގެން ހޯދި ތިންވަނަ މީހާ ވެސް މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
ގައުމީ ދިފާޢީ ބާރުން ބުނީ، ބަންޑުން ޖަހާލައި، އަޑިއަށް ދިޔަ "އަލްމާކް-ފިޔަ" ލޭންޑިންގ ކްރާފްޓުން ގެއްލިގެން ހޯދަމުންދިޔަ ތިންވަނަ މީހާގެ ހަށިގަނޑު، މާލެ އަތޮޅު އާއިލާފުށްޓާއި ވިލާ ނޮޓިކާއާ ދެ ރަށް ދޭތެރެއިން އޮޔާދަނިކޮށް ރޭގެ ވަގުތެއްގައި ފެނިފައިވާ ކަމަށެވެ.

Ad by Hajj Corporation
ހޯދަމުން އައި މި މީހާއަކީ ބިދޭސީ ފިރިހެނެކެވެ. އެއީ ލަންކާ މީހެކެވެ.
ޖުމުލަ ހަތް މީހުންނާ އެކު، ދަތުރުކުރަނިކޮށް ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާގައި ދިވެއްސަކު ވެސް މަރުވެފައިވެއެވެ. އެއީ ގއ.ދާންދޫ/ސަރުސޫނުގެ އުމުރުން 38 އަހަރުގެ އަހްމަދު ޝިފާންއެވެ. ދެން ގެއްލިގެން ހޯދަމުންދަނިކޮށް މަރުވެފައި އޮއްވައި ފެނުނީ އިންޑިއާ މީހެކެވެ.
ތިން ވަނަ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ކޮށްފައިވާއިރު އޭނާ ހަށިގަނޑު ފެނިފައި މިވަނީ ގެއްލުނުތާ 3 ދުވަސް ފަހުންނެވެ.
މިދިޔަ ހަފުތާގެ ތެރޭ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވިއިރު، ކަނޑު މަތީގެ އިތުރު ހާދިސާއެއް ވެސް އެ ހަފުތާގައި ވަނީ ހިނގާފައެވެ.