މާވަށަށް ޚާއްޞަ ދުވަހެއް: މުހިންމު ތަރައްގީގެ މަޝްރޫއުތަކެއް ފަށައިފި
20 އޮކްޓޯބަރު 2025 - 06:53
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މާވަށަށް ވަޑައިގެން އެރަށުގެ ތަރައްޤީއަށް ބޭނުންވާ 7 މަޝްރޫޢެއްގެ މަސައްކަތް ފައްޓަވައިދެއްވައިފިއެވެ.
އެގޮތުން މާވަށުގައި ސަރުކާރުން ކުރިއަށްގެންދަނީ، މަގު ހެދުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗް އިމާރާތްކުރުން، ގޮނޑުދޮށް ޙިމާޔަތްކުރުން، ފުލުހުންގެ މަރުކަޒު އިމާރާތްކުރުން، ވޮލީކޯޓު ތަރައްޤީކުރުން، ފިޓްނަސް އެންޑް ރެކްރިއޭޝަން (އެފްއާރުސީ) އިމާރާތްކުރުން އަދި މާވަށުގައި ކުނި މެނޭޖްކުރާ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތެވެ.

Ad by Hajj Corporation
މިގޮތުން ލ. މާވަށުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް މިއަދު ވަނީ ފަށާފައެވެ.
މިކަމަށްޓަކައި އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި މާވަށުގައި އަލަށް ޤާއިމުކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.
ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރެކެވެ. މިއަމާޒު ހާސިލްކުރުމަށް، މިހާތަނަށް ފުލުހުންގެ ޚިދުމަތް ޤާއިމްކުރެވިފައި ނުވާ ރަށްރަށުގައި އެޚިދުމަތް ފެށްޓެވުމުގެ އިތުރުން ފުލުހުންގެ ޚިދުމަތް ދިނުމަށް ބޭނުންވާ އިމާރާތްތަކުގެ ޢަމަލީ މަސައްކަތްތައްވެސް ދަނީ ފަށަމުންނެވެ.
އެއަށްފަހު އެރަށު މަގުހެދުމުގެ އަމަލީ މަޝްރޫއުވަނި ފަށާފައެވެ. މަގު ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބާއި، މި މަޝްރޫޢުގެ ކޮންޓްރެކްޓަރ، ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަޒީމެވެ. މި މަޝްރޫޢުގެ ދަށުން މާވަށުގެ މައި މަގުތަކުގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން 1.8 ކިލޯ މީޓަރުގެ މަގުގައި ތާރުއަޅާނެއެވެ. އަދި މަގުތަކުގައި ފެންހިންދާ ނިޒާމު ޤާއިމުކޮށް މަގުބައްތި ޖެހުންވެސް ހިމެނެއެވެ.
އެއަސްފަހު އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު މި މަޝްރޫއުއަކީ ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ- އެމްޓީ.ސީ.ސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ވަޒީރު، ޑރ. މުއްޠަލިބާއި، އެމްޓީސީސީގެ ސީއީއޯ އަހްމަދު ސައުދީއެވެ.
މާވަށުގައި އިމާރާތްކުރާ ބީއެމްއެލްގެ އާ ބްރާންޗުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިން މޫސާ ޒަމީރެވެ.
މަވަށުގައި ކުނި މެނޭޖްކުރާ ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އަދި މި ރަސްމިއްޔާތުގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ޖަލީލް ބައިވެރިވަޑައިގެންނެވިއެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ރައްކާތެރިގޮތުގައި ކުނި މެނޭޖުކުރާނެ މަރުކަޒުތައް ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
މީގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާއިން މާވަށުގައި ވޮލީކޯޓު ތަރައްޤީކުރުމުގެ މަސައްކަތާއިމާވަށުގެ ފިޓްނަސް ސެންޓަރު އިމާރާތްކުރުމުގެ މަސައްކަތް ފައްޓަވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާގެ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. ދެ މަޝްރޫޢު މާވަށުގައި ކުރިއަށްގެންދާނީ އެމްޓީސީސީންނެވެ.
އަދި ލ.މާވަށުގައި 10 ޓަނުގެ އައިސްޕްލާންޓު ގާއިމް ކުރުމުގެ އެއްބަސްވުމުގައިވެސް މިއަދުވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި ވުޒާރަގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އަހުމަދު ޝިޔާމްއެވެ. އަދި މިފްކޯގެފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޕްރޮޖެކްޓު ޔުނިޓްގެ މެނޭޖަރ މުހައްމަދު ޝަމީމްއެވެ.
މަވަށުގައި ގާއިމް ކުރަ 10 ޓަނުގެ އައިސް ޕްލާންތުގެ މަސައްކަތް ނިމުމުން މި ސަރަހައްދުގެ އަދި މާވަށުގެ މަސްވެރިންނަށް ވަރަށްބޮޑު ލުއިފަސޭހައެއް ލިބިގެންދާނެއެވެ. އަދި ވަކިން ހާއްސަކޮށް މި ސަރަހައްދުގައި ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށްވެސް މިކަމުގެ މަންފާކުރާނެއެވެ.
މިއިން ކޮންމެ މަސައްކަތަކީވެސް މަސްވެރިންނަށް އެތައްގޮތަކުން ލުއި ފަސޭހަތަކެއް ލިބިގެންދާނެ މަޝްރޫއުތަކެކެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ޤާއިމް ކުރާ އައިސްޕްލާންޓުތައް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުންވަނީ އަމާޒުހިފާފައެވެ.