މި ހަފްތާ ތެރޭ ބީއެމްއެލްއިން މުޅި ލާމު އަތޮޅަށް އޭޓީއެމްގެ ޚިދުމަތް ފަށާނެ
20 އޮކްޓޯބަރު 2025 - 16:39

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބެންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ދިނުމަށް ސަރުކާރާއި އެ ބޭންކް ގުޅިގެން ކުރަމުންދާ ކާމިޔާބު މަސައްކަތުގެ ދަށުން، މި ހަފްތާ ތެރޭގައި ހައްދުންމަތީގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފަށާނެކަމަށް އެ ބޭންކުން ބުނެފިއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން މިއަދު ލ. އަތޮޅު ހިތަދޫގައި އޭޓީއެމްގެ ޚިދުމަތް ވަނީ ފަށާފައެވެ. މީގެ އިތުރުން، ހިތަދޫގައި ބީއެމްއެލްގެ ބްރާންޗެއް ގާއިމުކުރުމަށް ބިންގާ އެޅުމުގެ ރަސްމިއްޔާތުވެސް މިއަދު ބާއްވާފައި ވެއެވެ.

Ad by Hajj Corporation
އޭޓީއެމް ޚިދުމަތް ތައާރަފްކުރުމަށާއި ބްރާންޗްގެ ބިންގާ އެޅުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ހިތަދޫގެ އިތުރުން މި ހަފްތާތެރޭގައި ބީއެމްއެލް އިން ކުނަހަންދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ، އިސްދޫ އަދި ކަލައިދޫގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް މުޅި ލ. އަތޮޅަށް ބީއެމްއެލް އޭޓީއެމް ވިއުގަ ފުޅާކުރާނެކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ. މިއާއެކު ލ. އަތޮޅު ވެގެންދާނީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރާ 19 ވަނަ އަތޮޅަށެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވަނީ، ލ. އަތޮޅުގެ މި ހަތް ރަށުގައި އޭޓީއެމް ގާއިމުކުރެވުމާއެކު، މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް މަޝްރޫއުގެ ދަށުން މިއަހަރު އަލަށް އޭޓީއެމް ގާއިމުކުރެވުނު ރަށްތަކުގެ އަދަދު 103 އަށް އަރާނެކަން ފާހަގަކުރައްވާފައެވެ.
މިއީ މިހާތަނަށް އެ ބޭންކުން ހިންގާ އެންމެ ބޮޑު އެއް ޕްރޮޖެކްޓް ކަމަށާއި މިއިން ދޭހަކޮށްދެނީ ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުކުރުމަށާއި ރަށްރަށުގެ ތަރައްގީއަށް އެ ބޭންކުން ދެމުންދާ އިސްކަން ކަމަށް ޝަރީފް ވިދާޅުވިއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 194 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 252 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.