ކުނަހަންދޫގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ރަނގަޅު ހައްލެއް ހޯދައިދޭނަން: ރައީސް

21 އޮކްޓޯބަރު 2025 - 03:11

ހައްދުންމަތީ ކުނަހަންދޫއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ރަނގަޅު ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހޯމަ ދުވަހު ދެއްވައިފިއެވެ.
މިޔަގީންކަން އެމަނިކުފާނު ވިދާޅުވެފައިވަނީ ހައްދުންމަތީގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ކުނަހަންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައެވެ.

Ad by Hajj Corporation
މި ބައްދަލުވުމުގައި ރަށުގެ ރައްޔިތުން ވަނީ ރަށުގައި ހުއްޓިފައިވާ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް އަލުން ފެށުމަށާއި، އިއްޔެ ސޮއިކުރެވުނު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އަވަހަށް ނިންމުމަށް އެދިވަޑައިގެންފައެވެ. މީގެއިތުރުން، ރަށު ސްކޫލުގެ މަސައްކަތް ކުރިއަށްދާގޮތް ބެއްލެވުމަށާއި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ޞިއްޙީ ޚިދުމަތުގެ ދަތިތައްވެސް ރައްޔިތުން ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް މުޢިއްޒު ވަނީ އެރަށުގައި ފެށި އަދި ސޮއިކުރެވުނު މަޝްރޫޢުތަކުގެ މަސައްކަތް ވަރަށް ސަމާލުކަމާއެކު ކުރިއަށް ގެންގޮސް ނިންމަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ތެރެއިން މޫދަށް އެރޭ ސަރަހައްދެއްވެސް ތަރައްޤީކުރެވޭނެކަމަށް ވިދާޅުވެފައިވެއެވެ.
"ސްކޫލުގެ މަސައްކަތް މިހާރު ދަނީ ފެނަކައާ ހަވާލުކުރެވިގެން ކުރިއަށް. މޫސުން ތަންދިނުމުން ބޭނުންވާ ސާމާނު ގެނެސް އަންނަ ދިރާސީ އަހަރަށް އެ މަސައްކަތް ނިންމޭނެކަމަށް އުއްމީދުކުރަން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ބައްދަލުވުމުގައި ރައްޔިތުން ވަނީ 1978 ވަނަ އަހަރުން ފެށިގެން އިންތިޚާބީ ވެރިޔަކު އެރަށަށް ޒިޔާރަތްކުރައްވައި ރައްޔިތުންނާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރު ކަމުގައި ފާހަގަކޮށް، ރައީސް މުޢިއްޒަށް ޝުކުރު އަދާކުރައްވާފައެވެ.