ކައްދޫ އެއާޕޯޓު އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި
21 އޮކްޓޯބަރު 2025 - 04:54

ލ. ކައްދޫ އެއާޕޯޓު ރަނގަޅު ފެންވަރުގެ ބޮޑު އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތްކަތާއެކު ފޮނަދޫ ބިންހިކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ލ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ. ފޮނަދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާއި، ކައްދޫ އެއާޕޯޓް ތަރައްގީކޮށް އޮޕަރޭޓްކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމަޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާއި ހަވާލުކޮށްފަ އެވެ.

Ad by Hajj Corporation
ކައްދޫ އެއާޕޯޓު ތަރައްގީ ކުރުމާއި، ފޮނަދޫ ބިންހިކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. ޒަމީރުގެ އަރިހުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ލ. ފޮނަދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ފޮނަދޫގައި ސޮއިކުރި މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު މަޝްރޫއަކަށްވާނީ ކައްދޫ އެއާޕޯޓު ރަނގަޅު ފެންވަރުގެ ބޮޑު އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ހެދުމަށް ބިން ހިއްކުން ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ކައްދޫ އެއާޕޯޓަށް ގެންނަ ބަދަލުތަކުގެ ތެރޭގައި، އެއާޕޯޓްގައި 2800 މީޓަރުގެ ރަންވޭއެއް ތަރައްގީ ކުރެއްވުމަށް ބޭނުންވާ 114 ހެކްޓަރުގެ ބިންހިއްކާ، ރަށަށް ބޭނުންވާ 30 ހެކްޓަރުގެ ބިމާއެކު ޖުމުލަ 144 ހެކްޓަރުގެ ބިން މި މަޝްރޫއުގެ ދަށުން ހިއްކާނެ ކަމަށެވެ. މި ދެ މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް އެއް އަހަރު ތެރޭގައި ނިންމައި، އެއާޕޯޓްގެ މަސައްކަތް ގިނަވެގެން 36 މަސްދުވަހުގެ ތެރޭގައި ނިންމަވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.
ރައީސް ވިދާޅުވީ ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީކުރާ ކައްދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކާނީ މިހާރު ކައްދޫގައި ހުރި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްގެ މަރުކަޒު ބަދަލުކުރަން ނުޖެހޭ ގޮތަށް ކަމަށެވެ.
ކައްދޫ އެއާޕޯޓަކީ ފަތުރުވެރިކަމާއި، ތަޢުލީމާއި، ސަރަހައްދީ ތަރައްގީއަށްޓަކައި، ފޮނަދޫގައި ކުރިއަށް ގެންދަވާ ހުރިހާ މަޝްރޫއުތަކަށް މުހިއްމު މަޝްރޫއެއްކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.