ހެޔޮ ވެރިއެއްގެ އޯގާތެރިކަން، އެކަނިވެރި މައިންގެ އެލަވަންސް ބޮޑުކުރަނީ
21 އޮކްޓޯބަރު 2025 - 18:45

އެކަނިވެރިމައިންގެ އެލަވަންސް އަންނަ އަހަރުން ފެށިގެން 3000 ރުފިޔާއަށް ބޮޑުކުރަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފިއެވެ.
މި އިއުލާން ކުރެއްވީ ލ.ގަމުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައެވެ.

Ad by Hajj Corporation
އެކަނިވެރިމައިންގެ އެލަވަންސް ބޮޑުކޮށް ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވައުދެއް ކަމަށްވާއިރު، މި ވައުދު ފުއްދުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުގައި މިކަމަށް ބޭނުންވާ ފައިސާ ހިމަނުއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެކަނިވެރިމައިންގެ އެލަވަންސް މިހާރު ދޭ އަދަދަށްވުރެ ބޮޑުކޮށްދީ، ކޮންމެ ކުއްޖަކަށް 3000 ރުފިޔާއަށް އެކަނިވެރިމައިންގެ އެލަވަންސް ބޮޑުކޮށްދޭނެކަމަށް އަޅުގަނޑު ވައުދުވެފައި އޮންނާނެ. އެ ވައުދު ފުއްދުންވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިން. އަންނަ ޖެނުއަރީމަހުން ފެށިގެން ކޮންމެ ކުއްޖަކަށް 3000 ރުފިޔާގެ މަގުން އެލަވަންސް ބޮޑުވެގެންދާނެ،"ރައީސް ވިދާޅުވިއެވެ.
މިހާރު އެކަނިވެރި މައިންނާއި ބަފައިންނަށް މަހެއްގެ މައްޗަށް ޢާއިލާއަކަށް އެންމެ ގިނަވެގެން ދެވޭ ޢަދަދަކީ 10،000 ރުފިޔާ ކަމަށްވާއިރު، ކޮންމެ ކުއްޖަކަށް ދޭ އިނާޔަތުގެ ނިސްބަތަކީ 1،000 ރުފިޔާއެވެ. އެހެންކަމުން މި ބަދަލާއެކު ކޮންމެ ކުއްޖަކަށް ލިބޭ އިނާޔަތް ތިން ގުނައަށް އިތުރުވެގެންދާނެއެވެ.
މި ބަދަލަކީ އެކަނިވެރި މައިންނާއި ބަފައިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް ކަމަށް ބެލެވެއެވެ. ޚާއްޞަކޮށް ދަރިން ބެލެހެއްޓުމުގައި ދިމާވާ މާލީ ގޮންޖެހުންތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.


