ރައީސްގެ ވައުދު ފުއްދަވައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކޮށްދީފި

22 އޮކްޓޯބަރު 2025 - 03:43

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިފައިވާކަމުގެ ވައުދު ފުއްދިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންގާރަ ދުވަހުގެ ރޭ އިޢުލާންކުރައްވައިފިއެވެ.
އެމަނިކުފާނު މިކަން އިޢުލާންކުރެއްވީ އެމަނިކުފާނު މިހާރު ހައްދުންމައްޗަށް ކުރަށްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ގަމަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މިއަދު ހަވީރު 5:15 ގައި ރ. ރަސްގެތީމުގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވުމާއެކު، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ވަނީ ފުރިހަމަކުރެވިފައެވެ.
އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ނެތް 66 ރަށް އޮތްކަމަށާއި، އެފަދަ ރަށްރަށުގެ ރައްޔިތުން ފުލުހުންގެ ޚިދުމަތަށް ބަރޯސާވާން ޖެހިފައި ތިބީ އަވަށްޓެރި ރަށްރަށަށްކަން ރައީސް ފާހަގަކުރެއްވިއެވެ.
"ފުލުހުންގެ ޚިދުމަތަކީ އަސާސީ ޚިދުމަތެއްގެ ގޮތުގައި އަޅުގަނޑު ޤަބޫލުކުރަން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ފުލުހުންގެ އަމިއްލަ އިމާރާތުގައި ޚިދުމަތްދެނީ އެންމެ 17 ރަށުގައެވެ. އަމިއްލަ އިމާރާތް ނެތުމުގެ ސަބަބުން ޚިދުމަތް ދިނުމުގައި ގިނަ ދަތިތަކާ ކުރިމަތިލާން ޖެހުނުކަން ވެސް ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވި ގޮތުގައި، މި އަހަރު ނިމޭއިރު 130 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ޢިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ. އަދި މި ދައުރުގެ ނިޔަލަށް މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ އަމިއްލަ އިމާރާތުގައި، ޤާއިމުވެ ތިބެ، ފުލުހުން ޚިދުމަތްދެމުން ގެންދާނެކަމުގެ ޔަޤީންކަން ވެސް ދެއްވިއެވެ.