ކުރީ ސަރުކާރުން ކެންދޫ މިސްކިތް ބިނާކުރު ހަވާލުކޮށްފައިވަނީ އެއްވެސް ތަޖުރިބާއެއް ނެތް ބަޔަކާ: ވަޒީރު ޝަހީމް
22 އޮކްޓޯބަރު 2025 - 05:48

ބ. ކެންދޫގައި ބިނާކުރަމުން އަންނަ މިސްކިތުގެ މަސައްކަތް ކުރީ ސަރުކާރުން ހަވާލުކޮށްފައިވަނީ އެއްވެސް ތަޖުރިބާއެއް ނެތް ކުންފުންޏަކާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޝަހީމް މިހެން ވިދާޅުވީ ކެންދޫގައި ތަރައްގީ ކުރާ މިސްކިތާ ގުޅޭގޮތުން އެ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

Ad by Hajj Corporation
މެންބަރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ބ. ކެންދޫ މިސްކިތް އިމާރާތް ކުރުމަށް ހަވާލުކުރެވުނީ ކުރީ ސަރުކާރުގެ ދުވަސްވަރުކަމަށާއި، އެއީ ރިޔާސީ އިންތިހާބާ ދިމާކޮށް ކަމަށެވެ. އަދި މި މަސައްކަތް ފަށާފައި ވަނީ 13 ސެޕްޓެމްބަރު 2023 ގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިސްކިތް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މިސްކިތް އެޅުމުގެ އަދި އިމާރާތް ކުރުމުގެ އެއްވެސް ތަޖުރިބާއެއް ނެތް ކުންފުންޏަކާ ކަމަށް ވިދާޅުވިއެވެ. އަދި ކުރީ ސަރުކާރުން މިސްކިތް އިމާރާތް ކުރާ ކުންފުންޏަށް 8 ނޮވެމްބަރު 2023ގައި، އެ ކުންފުންޏަށް 2.3 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިސްކިތުގެ މަސައްކަތް ހަވާލުކުރި ކުންފުނިން މަސައްކަތް ކުރަމުން އައީ ސައިޓުގައި އިންޖިނިއަރެއް ނެތި ކަމަށާއި، އޭގެ ސަބަބުން ކުރެހުމާއި މުޅިން ހިލާފަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން މަސައްކަތް އިތުރަށް ކުރިއަށް ގެންދިއުމަށް ދަތިވެފައިވާކަމަށާއި، އެކަންކަން ހައްލުކުރުމަށް ކުންފުންޏަށް އެންގި ނަމަވެސް މިހާތަނަށް އެކަމަށް ހައްލެއް ލިބިފައިނުވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި މައްސަލައަކީ ވުޒާރާއިން ނުހަނު ކަންބޮޑުވި ކަމެއް ކަމުން އިމާރާތް ކުރާ ފަރާތްތާއެކު ބޭއްވުނު ބައްދަލުވުންތަކުގައާއި އިތުރު ފޯނު ކޯލުތަކުގެ ޒަރިއްޔާއިން ތަކުރާކޮށް މިކަންކަން ހައްލުކުރުމަށް ވަނީ އެންގިފަ. ނަމަވެސް އަދާހަމައަށް ވެސް މިކަންކަމަށް ހައްލެ ލިބިފައިނުވޭ. ހަމަ މިއާއެކު މަސައްކަތް ކުރުމަށް ބޭނުންކުރާ އާލާތްތައް ސައިޓްގައި ނެތުމުގެ ސަބަބުން މަސައްކަތް ކުރިއަށް ނުދާކަން ފާހަގަ ކުރެވިފައިވޭ. މި މަސައްކަތް ނުނިމި ލަސްވަމުންދާތީ މި ކަމުގައި ސަރުކާރުން ވެސް ނުހަނު ކަންބޮޑުވާ ކަމެއް. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު
މި މަޝްރޫއަށް ހާއްސަ އިސްކަމެއް ދެއްވައިގެން މައްސަލަ ހައްލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ އަންގަވާފައިވާ ކަމަށާއި، އެ މަޝްރޫއުގެ ކޮންޓްރެކްޓް ބާތިލުކޮށް، އައު ކުންފުންޏަކާ އެ މަސައްކަތް ހަވާލުކުރުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށްވެސް ވަޒީރު ވިިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ކެންދޫގެ މިސްކިތުގެ މައްސަލަ ވީހާވެސް އަވަހަށް ހައްލުކޮށް އެ މަސައްކަތް ނިންމުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.