logo
MPL

MPL

ޚަބަރު

ވިޔަފާރިތަކަށް ބޮޑު ލުޔެއް: ބީއެމްއެލް ގޭޓްވޭއިން ޑޮލަރު ބަލައިގަނެ، ބޭރުގެ ޚިދުމަތްތަކަށް ފައިސާ ދެއްކޭ ގޮތް ހަދަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
24 އޮކްޓޯބަރު 2026 - 19:05
ވިޔަފާރިތަކަށް ބޮޑު ލުޔެއް: ބީއެމްއެލް ގޭޓްވޭއިން ޑޮލަރު ބަލައިގަނެ، ބޭރުގެ ޚިދުމަތްތަކަށް ފައިސާ ދެއްކޭ ގޮތް ހަދަނީ

އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ބައިނަލްއަޤުވާމީ ބާޒާރުގައި މުދަލާއި ޚިދުމަތް ވިއްކާ ދިވެހި އުފެއްދުންތެރިންނަށާއި ކުދި ވިޔަފާރިތަކަށް ޔޫއެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ "މޯލްޑިވްސް އެކްސްޕޯ 2026" އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އުފެއްދުންތެރިކަމާއި ކުދި ވިޔަފާރިތަކަށް ރާއްޖެއިން ބޭރުން ފައިސާ ލިބިގަތުމުގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވެއެވެ. އެހެންކަމުން އެ ހުރަސްތައް ނައްތާލުމަށްޓަކައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އަދި ބީއެމްއެލް ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

މި އައު އިންތިޒާމުގެ ދަށުން، ދުނިޔޭގެ ކޮންމެ ތަނަކުންވެސް ބީއެމްއެލް ގޭޓްވޭ މެދުވެރިކޮށް ޑޮލަރުން ފައިސާ ބަލައިގަތުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މީގެއިތުރުން، އެގޮތަށް ޑޮލަރުން ލިބޭ ފައިސާ އެއްވެސް ދަތިކަމެއް ނެތި ކާޑު ބޭނުންކޮށްގެންނާއި ރެމިޓެންސް މެދުވެރިކޮށް ރާއްޖެއިން ބޭރުން މުދަލާއި ޚިދުމަތް ހޯދުމަށާއި، ވިޔަފާރިތަކުން ބޭނުންކުރާ ސަބްސްކްރިޕްޝަންތަކަށް ފައިސާ ދެއްކުމަށްވެސް ނޮވެމްބަރު 1 އިން ފެށިގެން މަގުފަހިވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ލުއިތަކުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި އަލަށް މި ދާއިރާއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބި، އާމްދަނީ އިތުރުކުރުމަށް ހުރި ހުރަސްތައް ނެތިގެންދާނެ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ވީހާވެސް ގިނަ ރައްޔިތުން އަމިއްލަ ވިޔަފާރިތައް ފަށައި، މާލީ ގޮތުން ބާރުވެރިވުމަށް މަގުފަހިކޮށްދިނުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ސެކްޓާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް މި ދިމާވާ ދަތިތަަކަށް، އަދި އާމްދަނީ އިތުރުކުރުމުގައި ހުރި ހުރަސްތައް ކުޑަކުރެވި، ޖީބަށް ލާން ލިބޭ އާމްދަނީ އިރާދަކުރެއްވިއްޔާ އިތުރުވެގެންދާނެ. އެހެންމަ އަޅުގަނޑުމެން ބޭނުންވަނީ މިކަހަލަ ކަންތައްތައް މަގުފަހިކޮށްދީގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިއަށްދެވޭނެ ގޮތްތަކާއި އަދި އާންމު ރައްޔިތުންގެ ތެރެއިން ވީހާވެސް ގިނަ ރައްޔިތުން ކުދި ވިޔަފާރިތައް ފަށަން މަގުފަހިކޮށްދޭން، އަމިއްލަ ބާރުވެރިކަން ހޯދުމަށް މަގުފަހިކޮށްދޭން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާތަނަށް ސަރުކާރުން ފޯރުކޮށްދީފައިވާ މާލީ އެހީތަކުގެ ތަފާސްހިސާބުތައްވެސް ހިއްސާކުރައްވާފައެވެ. އެގޮތުން އެސްއެމްއީ ވިޔަފާރިތަކަށް 795 މިލިއަން ރުފިޔާ ގެ ލޯނު ދޫކޮށްފައިވާ ކަމަށާއި، އޭގެ މަންފާ 1،000 އަށްވުރެ ގިނަ ވިޔަފާރިވެރިންނަށް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ޒުވާން ވިޔަފާރިވެރިން އުފެއްދުމުގެ މަޤުޞަދުގައި ޖުލައި 15 ގައި ފެށި "ޔޫތު އެންޓްރަޕްރިނިއަރޝިޕް ޕްރޮގްރާމް" ގެ ފުރަތަމަ ފިޔަވަހީގެ ދަށުން 3،000 އަށްވުރެ ގިނަ ޒުވާނުންނަށް 300 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމުގެ ދެވަނަ ފިޔަވަހި އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިޢުލާނު ކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުދި ވިޔަފާރިތަކަށް ބޮޑު ލުޔެއް: އުފެއްދުންތަކަށް ބޭނުންވާ ސާމާނުން 5 އަހަރަށް ޑިއުޓީ ކަނޑާލަނީޚަބަރު | ގަޑިއިރެއް ކުރިންވިޔަފާރިތަކަށް ބޮޑު ލުޔެއް: ބީއެމްއެލް ގޭޓްވޭއިން ޑޮލަރު ބަލައިގަނެ، ބޭރުގެ ޚިދުމަތްތަކަށް ފައިސާ ދެއްކޭ ގޮތް ހަދަނީޚަބަރު | ގަޑިއިރެއް ކުރިންގެދޮރު، ޞިއްޙީ ފަރުވާ އަދި އިޤްތިޞާދީ ފައިދާ: ޑރ. މުއިއްޒު ސަރުކާރުގެ އަމާޒުރިޕޯޓް | 5 ގަޑިއިރު ކުރިންއދ.އަކީ ޤާނޫނުތަކަށް އިޙްތިރާމްކުރުމުގެ މަތީގައި ސާބިތުވެ އޮންނަ މުއައްސަސާ އަކަށް ވާން ޖެހޭނެ: ރައީސްޚަބަރު | 6 ގަޑިއިރު ކުރިން