ޒިންމާދާރު ޖީލެއް ބިނާކުރުމަށް: ވަޠަނީ ޚިދުމަތުގެ 4 ވަނަ ބެޗުގެ ތަމްރީނުތައް ފަށައިފި
24 އޮކްޓޯބަރު 2026 - 06:30

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގގެ 4 ވަނަ ބެޗުގެ ތަމްރީނުތައް 352 ޒުވާނުންނާއެކު މިއަދު ރަސްމީކޮށް އިފުތިތާޙުކޮށްފިއެވެ.
މި ތަމްރީނުގައި ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 125 ރަށަކަށް ނިސްބަތްވާ 288 ފިރިހެން އަދި 64 އަންހެން ޒުވާނުން ބައިވެރިވެއެވެ.
.png&w=750&q=75)
Ad by Hajj Corporation
މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީސްމީޑިއާގައި ޙިއްޞާކުރެއްވި މެސެޖެއްގައި، ތަމްރީނުގެ ހުރިހާ ބައިވެރިންނަށް ކާމިޔާބީއަށް އެދިވަޑައިގެން، ޕްރޮގްރާމް ފުރިހަމަކުރުމަށް ހިތްވަރާއި ޢަޒުމާއެކު މަސައްކަތް ކުރުމަށް ވަނީ ނަޞޭޙަތްތެރިވެވަޑައިގެންފައެވެ. އަދި ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރާ މި މަސައްކަތަކީ ޤައުމުގެ ޒުވާނުންގެ ކުރިމަގު ބައްޓަންކުރުމަށް އެޅިގެންދާ ހަރުދަނާ ބިންގަލެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހި ވަޠަނީ ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު ދެއްވި އިފުތިތާޙީ ތަޤްރީރުގައި އިޢުލާނުކުރެއްވި، އިންސާނުން ބިނާކުރުމާއި ޤައުމުގެ ސިކުނޑިތައް ބިނާކުރުމުގެ ސިޔާސަތުގެ ދަށުން ހިންގާ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ޒުވާނުން ބާރުވެރިކޮށް، މަސައްކަތުގެ އަޚުލާޤާއި ސުލޫކު އަށަގެންނެވުމެވެ.
މި ތަމްރީނު ޕްރޮގްރާމުގެ ތެރޭގައި ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަޢުލީމާއި، ލީޑަރޝިޕްގެ އިތުރުން ބަހުގެ ހުނަރުތައް އުނގަންނައިދިނުން ހިމެނެއެވެ. މީގެ އިތުރުން ހަށިހެޔޮކަން އިތުރުކުރުމަށް ކަސްރަތު ތަމްރީނުތަކާއި، އަޚްލާޤު ހަރުދަނާކުރުމަށް ހެވިކަމުގެ ތަމްރީނުތަކާއި، ފަސްޓް އެއިޑް، ފަޔަރ ފައިޓިންގ، ސެލްފް ޑިފެންސް އަދި އަސްކަރީ ތަމްރީނުގެ ބައެއް ޙަރަކާތްތައްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ތަމްރީނު ކާމިޔާބުކަމާއެކު ފުރިހަމަކުރާ ބައިވެރިންނަށް ސެޓްފިކެޓް 3 އިން ސިވިލް އެޑިއުކޭޝަން އެންޑް ލީޑަރޝިޕް ސެޓިފިކެޓާއި، ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ، ބޭސިކް ފަސްޓް އެއިޑް އަދި ޕިއަރ އެޑިއުކޭޝަން ޓްރެއިނިންގ ޕްރޮގްރާމު ފުރިހަމަކުރިކަމުގެ ސެޓިފިކެޓް ލިބިގެންދާނެއެވެ.

-01.jpg&w=3840&q=75)
