އިޔާދަކޮށްދެއްވި ޚާރިޖީ ގުޅުންތަކުގެ ފޮނި މޭވާ ރައްޔިތުންނަށް: 20 އެއްބަސްވުމެއް، ވިޔަފާރި 13 މިލިއަނުން 200 މިލިއަން ޑޮލަރަށް
23 އޮކްޓޯބަރު 2026 - 16:57

ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ހިމާޔަތްކޮށް، ރައްޔިތުންނަށް ބޭނުންވާ ކަންކަން ފަހިކޮށްދިނުމަށް ދުނިޔޭގެ އެކި ޤައުމުތަކާއެކު އޮންނަ ގުޅުން ހަރުދަނާކުރުމަކީ ކޮންމެ ދައުލަތަކަށްވެސް ކޮންމެހެން މުހިންމު ކަމެކެވެ. ނަމަވެސް ހިތާމައަކީ 2023 ވަނަ އަހަރު އައު ރިޔާސީ ދައުރަކާއި ހަވާލުވި މި ސަރުކާރަށް ލިބުނީ ޚާރިޖީ ގޮތުން ބަލިކަށިކޮށްލާފައި އޮތް ދައުލަތެއްކަމެވެ. އިސްލާމީ ޤައުމުތަކާއި މުހިންމު ޖަމާޢަތްތަކާއި، ކުރީގެ އެކުވެރި ޤައުމުތަކާއި ގުޅުން ހީނަރުވެފައި އޮތް ދައުލަތެއްކަމެވެ. މި ސަރުކާރާއި ހަވާލުވެވަޑައިގަތުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި ބުރަ މަސައްކަތްޕުޅާއެކު އެކި ދާއިރާތަކުން ހޯއްދަވަމުން އަންނަ ކާމިޔާބީތަކުގެ ސިލްސިލާއަށް ޚާރިޖީ ގުޅުމުގެ ދާއިރާ ވެސް ވަނީ ވަދެފައެވެ.
ރައީސް މުޢިއްޒު އާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް،
.png&w=750&q=75)
Ad by Hajj Corporation
އެމަނިކުފާނުގެ ތޫނު ވިސްނުންފުޅާއި ޢިލްމީ ތަޖުރިބާގެ އަލީގައި ހީނަރުވެ، ބުރިބުރިވެފައި އޮތް ޚާރިޖީ ގުޅުން ވަނީ އަލުން މީޒާން ކުރަށްވައި ''ފުރަތަމަ ދިވެހީންގެ'' ސިޔާސަތާއެކު ބޮޑު ކާމިޔާބީއެއް ހާސިލް ކުރަށްވާފައެވެ. މިގޮތުން އިސްލާމީ އުންމަތުގެ ބަދަހިކަމާއި، ސަރަޙައްދީ އެއްބާރުލުން އިތުރުކުރުމަށް މި ސަރުކާރުން އިސްކަންދެމުން އަންނައިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ވެގެން ދިޔައީ ވެސް ދިވެހި ޚާރިޖިއްޔާއަށް އައު ކުރިއެރުމެއް ގެނެސްދިން ކާމިޔާބު ދަތުރުފުޅަކަށެކެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން އައު އުސްމިންތަކަކަށް ގެންގޮސްދީ، ޤައުމީ ތަރައްޤީއަށާއި ރައްޔިތުންގެ ލާބައަށް ސީދާ ނަފާ ލިބިގެންދާނެ ގޮތަށް ޚާރިޖީ ގުޅުންތައް ބައްޓަންކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ރައީސް އާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް، ރައީސަށް ޕާކިސްތާނުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައި
ތާރީޚީ މުނާސަބަތަކާ ގުޅުވައިލެވުނު ޚާއްޞަ ދަތުރުފުޅެއް
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި މި ދަތުރުފުޅު ޚާއްޞަވެގެންދަނީ، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ އަހަރާ ދިމާކޮށް ކުރެއްވި ދަތުރުފުޅަކަށް ވާތީއެވެ. ފާއިތުވި ދަހަރުތަކުގައި ދެ ޤައުމުންވެސް އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކޮށް، ބައިނަލްއަޤްވާމީ މައިދާނުގައާއި ދޭދޭ ގުޅުންތަކުގައި ބަދަހި އެކުވެރިކަމެއް ދަމަހައްޓާފައިވެއެވެ. މި ދަތުރުފުޅުގައި ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީ އަދި ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފާއެކު ބޭއްވުނު ރަސްމީ މަޝްވަރާތަކަކީ އިސްލާމީ އުޚުއްވަތްތެރިކަމުގެ ބިންގަލުގެ މަތީގައި، ކުރިއަށް އޮތް ޖީލުތަކަށްޓަކައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ހުޅުވުނު ރަނުގެ ދޮރެކެވެ.
ރައީސް މުޢިއްޒު، ޕާކިސްތާނުގެ ރައީސާ ބައްދަލުކުރެއްވުން
20 ފަހުމުނާމާއާއެކު ހުޅުވުނު ތަރައްޤީގެ އައު ދޮރުތައް
މި ފުރަމާނަ ދަތުރުފުޅުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ވެވުނު 20 ފަހުމުނާމާއާއި އެއްބަސްވުންތަކެވެ. މި އެއްބަސްވުންތަކުގެ ތެރޭގައި ޞިއްޙަތާއި، ތަޢުލީމާއި، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމުގެ އިތުރުން ދިފާޢީ އަދި ސަލާމަތީ ދާއިރާތައް ހިމެނެއެވެ. މީގެއިތުރުން ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް އެއްބަސްވެވުމަކީ ޤައުމުގެ މުސްތަޤްބަލު ބިނާކުރުމަށް ލިބުނު ފުރުޞަތެކެވެ. ސަރުކާރުގެ އަމާޒަކީ ބޭރު ޤައުމުތަކާއެކު ވެވޭ އެއްބަސްވުންތަކަކީ ހަމައެކަނި ކަރުދާހުގައި އޮންނަ އެއްޗަކަށް ނުހަދައި، އެކަންކަމުގެ ޢަމަލީ ފައިދާ ސީދާ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމެވެ.
ދެ ގައުމުގެ ދެމެދުގައި މުހިންމު 20 އެއްބަސްވުމެއްގައި ސޮއިކުރުން، މިއީ ރާއްޖޭގެ ދިފާޢީ، ސިއްހީ، ތައުލީމީ އަދި އުމްރާނީ ތަރައްގީއަށް މުހިންމު ކާމިޔާބެއް
އިޤްތިޞާދީ އައު އުންމީދުތަކާއި ވިޔަފާރީގެ ލަނޑުދަނޑި
މި ދަތުރުފުޅުގެ ތެރެއިން އެޅުނު އެންމެ ވަރުގަދަ ބިންގަލަކީ ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ކަނޑައެޅުނު ޢަޒުމެވެ. އިސްލާމްއާބާދުގައި ބޭއްވުނު "މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް 2026" ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި އިންވެސްޓްކުރުމަށް ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ފުޅާ ދަޢުވަތެއް އަރުވާފައެވެ. ވަކިން ޚާއްޞަކޮށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އިމާރާތްކުރުމުގެ ދާއިރާއާއި، އިއާދަކުރަނިވި ހަކަތަ އަދި އިސްލާމިކް ފައިނޭންސްގެ ދާއިރާއިން އިންވެސްޓްމަންޓްތައް ގެނައުމަކީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް ކޮށުނު މުހިންމު މަގެކެވެ.
މޯލްޑިވްސް - ޕާކިސްތާން ބިޒްނަސް ފޯރަމް 2026ގައި ދެ ގައުމުގެ ވެރިން
މި ވިޔަފާރި ގުޅުންތައް ޢަމަލީގޮތުން ފަހިކުރުމަށްޓަކައި ޤައުމީ އެއަރލައިން ކަމަށްވާ މޯލްޑިވިއަނުން މާލެއާއި ކަރާޗީއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ނިންމި ނިންމުމަކީ ވިޔަފާރިއާއި ފަތުރުވެރިކަމަށް ލިބިގެންދާނެ ވަރަށް ބޮޑު ދިރުމެކެވެ. މީގެ ސަބަބުން ދަތުރުފަތުރުގެ ޚަރަދުތައް ކުޑަވެ، މުދާ އެތެރެކުރުމާއި ފަތުރުވެރިން އައުމުގައި އައު ފުރުޞަތުތައް ތަނަވަސްވެގެންދާނެއެވެ.
ޤައުމަށް ޚާއްޞަ ޝަރަފެއް
މި ދަތުރުފުޅުގެ ތެރެއިން އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދު (އައި.އައި.ޔޫ.އައި) އިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޕޮލިޓިކްސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ވެސް ވަނީ އަރުވާފައެވެ. މިޝަރަފު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ، އިސްލާމްއާބާދުގައި ހުންނަ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައެވެ. އެ ޔުނިވަރސިޓީން ރައީސުލްޖުމްހޫރިއްޔާ އަށް މިޝަރަފު އަރުވާފައިވަނީ، އެމަނިކުފާނު ދިވެހި ޤައުމަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކާއި، އިސްނެންގެވުމާއި، މުއައްސަސާތައް ތަރައްޤީކުރުމާއި ވެރިކަން ހިންގުމުގެ ނިޒާމަށާއި، އަދި ދިވެހިރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އިސްލާމްއާބާދުން ރައީސުލްޖުމްހޫރިއްޔާ އަށް ޕޮލިޓިކްސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް އޮނޮރަރީ ޑޮކްޓަރޭޓް އެރުވުން
އިޖުތިމާޢީ އަދި ތިމާވެށީގެ ދާއިރާއިން ލިބުނު އެހީތެރިކަން
އިޤްތިޞާދީ ފައިދާތަކުގެ އިތުރުން، އިޖުތިމާޢީ ގުޅުންތަކާއި ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިންވެސް މި ދަތުރުފުޅުގެ ނަތީޖާ ވަރަށް ފުރިހަމައެވެ. އެގޮތުން ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަށް ސަރުކާރުން ފަށާފައިވާ ޤައުމީ ބޮޑު މަޝްރޫޢަށް އެހީތެރިވުމުގެ ގޮތުން، 100,000 ޒައިތޫނި ގަހުގެ ކުރިއާއި އެކި ބާވަތްތަކުގެ 100,000 މުޑުވައް ހަދިޔާކުރުމަށް ޕާކިސްތާނުން ނިންމި ނިންމުމަކީ ފާހަގަކޮށްލަންޖެހޭ މުހިންމު ކަމެކެވެ. މިއީ ތިމާވެށީގެ ގޮތުންނާއި ދަނޑުވެރިކަމުގެ ގޮތުން ރާއްޖެއަށް ދެމެހެއްޓެނިވި ފައިދާތަކެއް ލިބި، ރާއްޖޭގެ ފެހިކަން ދެމެހެއްޓުމަށް ބާރުއަޅައިދޭނެ ކަމެކެވެ. ހަމައެއާއެކު، ޞިއްޙީ އަދި ތަޢުލީމީ ދާއިރާއިން މީހުން ބިނާކުރުމަށް ވެވުނު އެއްބަސްވުންތަކުގެ ސަބަބުން ޒުވާނުންނަށް މަތީ ތަޢުލީމާއި ތަމްރީނުގެ އިތުރު ދޮރުތައް ހުޅުވިގެންދާނެއެވެ.
ރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ގަސް އިންދުމުގެ ޙަރަކާތުގައި، ރައީސް ގަހެއް އިންދަވައި ދެއްވަނީ
ރައީސުލްޖުމްހޫރިއްޔާގެ މި ފުރަމާނަ ދަތުރުފުޅަކީ ބަދަހި ޚާރިޖީ ސިޔާސަތެއްގެ ސަބަބުން ޤައުމަށާއި ރައްޔިތުންނަށް ހެޔޮ ބަދަލުތަކެއް ގެނެސްދެވިދާނެކަން ސާބިތުކޮށްދިން އަލިގަދަ ހެއްކެކެވެ. ފާއިތުވި 60 އަހަރުގެ ރަޙުމަތްތެރިކަމުގެ ބިންގަލުގައި، އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ވެވުނު އެއްބަސްވުންތަކުގެ ހަޤީޤީ މަންފާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އިޙްސާސްކުރެވި، ޤައުމުގެ ކުރިމަގު އިތުރަށް އުޖާލާވެގެންދާނެކަން ޔަޤީނެވެ.

-01.jpg&w=3840&q=75)
