އިޤްތިޞާދީ އަދި ޚާރިޖީ ބޮޑެތި ކާމިޔާބީތަކަކާއެކު ރައީސްގެ ދެކަނބަލުން ޕާކިސްތާން ދަތުރުފުޅު ނިންމަވާލައްވައިފި
23 އޮކްޓޯބަރު 2026 - 10:27

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ކާމިޔާބުކަމާއެކު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.
މި އޮކްޓޫބަރު މަހުގެ 20 އިން 22 ގެ ނިޔަލަށް އެމަނިކުފާނުގެ ދެކަނބަލުން ކުރެއްވި މި ދަތުރުފުޅަކީ، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާ ގުޅުވައިގެން ކުރެއްވި މި ދަތުރުފުޅުގައި، ދެ ޤައުމުގެ ސަރުކާރުގެ ވަޒީރުންނާއި އިސް ވެރިން ހިމެނިވަޑައިގަންނަވާ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފާއެކު ރަސްމީ މަޝްވަރާތައް ބާއްވަވައި، އެ ޤައުމުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއާ ވެސް ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު މުޙައްމަދު އިސްޙާޤް ދާރް އާއި، ޗީފް އޮފް އާމީ ސްޓާފް އަދި ޗީފް އޮފް ޑިފެންސް ފޯސަސް ފީލްޑް މާޝަލް ސައްޔިދު އާސިމް މުނީރާއި، ނޭޝަނަލް އެސެމްބްލީގެ ސްޕީކަރ ސަރްދާރު އަޔާޒް ޞާދިޤު އަދި ސެނެޓުގެ ޗެއަރމަން ސައްޔިދު ޔޫސުފް ރަޒާ ގިލާނީއާ އެމަނިކުފާނު ބައްދަލުކުރެއްވިއެވެ. މި މަޝްވަރާތަކުގައި ވިޔަފާރިއާއި އިންވެސްޓްމަންޓް، ޞިއްޙަތު، ތަޢުލީމު، ފަތުރުވެރިކަން، ދަނޑުވެރިކަމާއި މަސްވެރިކަން، އަދި ދިފާޢީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ވަނީ އެއްބަސްވެފައެވެ.
ދެ ޤައުމުގެ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ޕާކިސްތާނުގެ ބޮޑުވަޒީރުގެ ހާޒިރުގައި މުހިންމު 20 ފަހުމުނާމާއަކާއި އެއްބަސްވުމެއްގައި ވަނީ ސޮއިކޮށް، ބަދަލުކޮށްފައެވެ. އަދި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ދެ ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.
އިސްލާމްއާބާދުގައި ބޭއްވުނު މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް 2026 ގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކާބޯތަކެތީގެ ރައްކާތެރިކަމާއި، ޞިއްޙީ ދާއިރާ، އިންޖިނިއަރިންގ އަދި އިއާދަކުރަނިވި ހަކަތައިގެ އިތުރުން އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ރާއްޖޭގައި އިންވެސްޓްކުރުމަށް ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ދަޢުވަތު އަރުވާފައެވެ. ހަމައެއާއެކު، ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާއަށް ފަހި ފުރުޞަތުތަކެއް ހުޅުވާލުމުގެ ގޮތުން، ޤައުމީ އެއަރލައިން މޯލްޑިވިއަނުން މާލެއާއި ކަރާޗީއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާކަން ވެސް އެމަނިކުފާނު އިޢުލާންކުރެއްވިއެވެ.
ތިމާވެށީގެ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢަށް 100,000 ޒައިތޫނި ގަހުގެ ކުރިއާއި އެކި ބާވަތްތަކުގެ 100,000 މުޑުވައް ހަދިޔާކުރުމަށް ޕާކިސްތާނު ސަރުކާރުން ވަނީ ނިންމާފައެވެ. މި ދަތުރުފުޅު ނިންމަވާލައްވާފައިވަނީ ފާއިތުވި 60 އަހަރުގެ ގާތް ގުޅުމުގެ މައްޗަށް ބިނާކޮށް، ވެވުނު އެއްބަސްވުންތަކުގެ ޢަމަލީ މަންފާ ދެ ޤައުމުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ވަރުގަދަ ޢަޒުމާ އެކުގައެވެ.

-01.jpg&w=3840&q=75)
