ރާއްޖެއަކީ ކުޑަ ގައުމަކަށް ވީނަމަވެސް، އިންވެސްޓްމަންޓުގެ ގިނަ ފުރުސަތުތަކެއް ހުރި ގައުމެއް: ރައީސް
22 އޮކްޓޯބަރު 2026 - 14:30

އާބާދީގެ ގޮތުން ރާއްޖެއަކީ ކުޑަ ގައުމަކަށް ވީނަމަވެސް، ފަތުރުވެރިކަން ހިމެނޭހެން އިންވެސްޓްމަންޓުގެ ގިނަ ފުރުސަތުތަކެއް ހުރި ގައުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕާކިސްތާނު ބިޒްނަސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ފޯރަމްގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖެއާއި ޕާކިސްތާނާ ދެމެދު ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގެ އަދަދު 200 މިލިޔަން ޑޮލަރަށް އިތުރުކުރުމަށް މަޝްވަރާކުރައްވާފައިވާކަން ހާމަކުރައްވާފައެވެ. ޕާކިސްތާނަކީ އިޤުތިޞާދީގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދިދާނެ ޤައުމެއްކަން ފާހަގަކުރައްވައި، ދެ ޤައުމުގެ އިޤުތިޞާދަކީ ގުޅިފައިވާ ދެ އިޤުތިޞާދުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި އިންވެސްޓްކުރުމަށްހުރި ފުރުސަތުތަކުގެ މައްޗަށް އަލިއުޅުއްވާލަމުން ރައީސް ވިދާޅުވީ، ފަތުރުވެރިކަމުގެ އިތުރުން ސިނާއީ ދާއިރާތަކާއި، އިމާރާތްކުރުމާއި، ތަޢުލީމީ އަދި ޞިއްޙީ ދާއިރާއަކީވެސް އިންވެސްޓުކުރުމަށް ފުރުސަތު ބޮޑު ދާއިރާތަކެއް ކަމަށެވެ.
މީގެއިތުރުން، ކާނާގެ ރައްކާތެރިކަމަކީ ހަމައެކަނި ވިޔަފާރީގެ ނަޒަރަކުން ބަލާ ކަމެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ޖަޒީރާ ޤައުމަކަށްވުމާއެކު މެދުކެނޑުމެއްނެތް ސަޕްލައި ޗޭނެއް އޮތުމަކީ ޤައުމީ ސަލާމަތާ ގުޅިފައިވާ ކަމެއް ކަމަށެވެ. އެގޮތުން ޒަމާނީ ފުޑް ޕްރޮސެސިންގ އާއި މޫސުމީ ބަދަލުތަކާ ގުޅިފައިވާ ދަނޑުވެރިކަމުގެ ޓެކްނޮލަޖީގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށް ޕާކިސްތާނުގެ އިންވެސްޓަރުންނަށް ރައީސް ވަނީ ދަޢުވަތު ދެއްވާފައެވެ.
ދެ ޤައުމުގެ ވިޔަފާރި އިތުރަށް ހަރުދަނާކުރުމަށްޓަކައި ދަތުރުފަތުރުގެ ނިޒާމު ނުވަތަ ކަނެކްޓިވިޓީ ވަރުގަދަވާންޖެހޭކަން ފާހަގަކުރައްވައި، ދެ ޤައުމުގެ ޝިޕިންގ، ޕޯޓް އަދި ލޮޖިސްޓިކްސް ކުންފުނިތަކުން ސީދާ އަދި ވިޔަފާރީގެ ގޮތުން ފައިދާހުރި ދަތުރުފަތުރުގެ ގުޅުންތައް ޤާއިމުކުރުމަށް އެމަނިކުފާނު ވަނީ ހިތްވަރުދެއްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރިފައިވާއިރު، މިދިގު މުއްދަތުގައި މި ގުޅުން ހީނަރުކަމެއްނައިސް ދެމިގެންގޮސްފައިވަނީ ބަދަހި އިތުބާރާއި ޔަޤީންކަމެއްގެ މައްޗަށްކަން އުފަލާއެކު ފާހަގަކުރައްވާފައެވެ.

-01.jpg&w=3840&q=75)
