ކުޑަ ޤައުމަކަށް ވިޔަސް ޤަދަރާއި އިޙްތިރާމް ލިބެންޖެހޭނެ: ޝަރަފުވެރި ޑިގްރީއާއެކު ރައީސްގެ ވަރުގަދަ މެސެޖެއް
21 އޮކްޓޯބަރު 2026 - 18:50

ޤައުމަކަށް ލިބޭ ޤަދަރަކީ އެ ޤައުމެއްގެ ކުޑަބޮޑުމިނުން މިންކުރެވޭނެ އެއްޗެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕާކިސްތާނުގެ އިސްލާމިކް ޔުނިވާސިޓީން އެމަނިކުފާނަށް "އޮނަރަރީ ޑިގްރީ އޮފް ޑޮކްޓަރ އޮފް ޕޮލިޓިކްސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް" ގެ ޝަރަފު އެރުވުމާ ގުޅިގެން ދެއްކެވި ވާހަކަފުޅުގައެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ޝަރަފާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މީގެ 17 އަހަރު ކުރިން އެމަނިކުފާނު ސިވިލް އިންޖިނިއަރިން ދާއިރާއިން ޕީއެޗްޑީ ހާސިލްކުރެއްވި ދުވަހުގެ ހަނދާންތައް އައު ކުރެއްވިއެވެ. އަދި މިފަދަ އޮނަރަރީ ޑޮކްޓަރޭޓެއް ލިބިވަޑައިގަތުމަކީ ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށާއި، މިއީ މީގެ 17 އަހަރު ކުރިން އެމަނިކުފާނު އުއްމީދުކުރެއްވި މިންވަރަށްވުރެވެސް ބޮޑު ކަމެއް ކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ޝަރަފުވެރި ޑޮކްޓަރޭޓަކީ މުޅިން ތަފާތު އެހެން މާނައެއް އެކުލެވިގެންވާ ޝަރަފެއް ކަމަށެވެ. އަދި މި ޝަރަފު ޙައްޤުވަނީ ދިވެހި ރައްޔިތުންނަށް ކަމަށާއި، މިއީ ދެ ޤައުމުގެ ދެމެދުގައިވާ ގާތް އެކުވެރިކަން ދައްކުވައިދޭ މުހިންމު ޝަރަފެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފާނު އަދާކުރައްވާ މަސްއޫލިއްޔަތުތަކާއި، މި އޮނަރަރީ ޑޮކްޓަރޭޓާ ގުޅުމެއްވާކަން ބަޔާންކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، މިއަދުގެ ދުނިޔެއިން އާދަޔާ ޚިލާފު ޓެކްނޮލޮޖީގެ ކުރިއެރުންތައް ފެންނަމުންދާ ކަމަށެވެ. ނަމަވެސް، ހަނގުރާމަތަކާއި އަނިޔާވެރިކަމުގެ އިތުރުން އިންސާނީ ނިކަމެތިކަމުގެ ސަބަބުން ދުނިޔެ ތަޙައްމަލު ކުރަމުންދާ ދަނޑިވަޅެއްގައި، އެފަދަ ކަންކަމާ ދެކޮޅަށް އަޑުއުފުލުމުގެ ޒިންމާ ނުހަނު ބޮޑުކަމަށް ރައީސް ވިދާޅުވިއެވެ.
ޕާކިސްތާނުގެ އިސްލާމިކް ޔުނިވާސިޓީގެ ދައުރަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ ޔުނިވާސިޓީން ރަމްޒުކޮށްދެނީ އީމާންތެރިކަމާއި ޢިލްމު އެކުގައި ކުރިއަށް ދާންޖެހޭކަމެވެ. އަދި ޢިލްމީ ކާމިޔާބީތައް ބިނާވާންޖެހެނީ އިންސާނިއްޔަތުގެ ޚިދުމަތަށްކަން ފާހަގަކުރައްވައި، ދިވެހިރާއްޖެއިންވެސް އަބަދުވެސް ބުރަވަނީ މި ހަމަތަކުގެ މައްޗަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ދިވެހިރާއްޖެއަކީ ކުޑަ ޤައުމެއް ނަމަވެސް ޤަދަރަކީ ބިމުގެ ބޮޑުމިނުން މިންކުރެވޭނެ އެއްޗެއް ނޫން ކަމަށާއި، އަދި ނަޒާހާތްތެރިކަމަކީ އިޤުތިޞާދީ ނުވަތަ އަސްކަރީ ބާރުމިނުން ކަނޑައެޅޭނެ ކަންކަން ނޫން ކަމަށެވެ. ހަމައެއާއެކު، ކޮންމެ ޤައުމަކަށްވެސް ޤަދަރާއި އިޙުތިރާމު ލިބެންޖެހޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށާއި، ކޮންމެ ރައްޔިތަކަށްވެސް ޝަރަފާއި އިއްޒަތް ލިބެންޖެހޭއިރު، އަމާން އަދި ޢަދުލުވެރި ދުނިޔެއެއް ވާރުތަކުރުމުގެ ފުރުޞަތު ކޮންމެ ޖީލަކަށްވެސް ލިބެންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ޕާކިސްތާނާއި ދިވެހިރާއްޖެއާ ދެމެދު ވެފައިވާ އެއްބަސްވުންތައް ދަމަހައްޓަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ޢިލްމާއި، އީމާންތެރިކަމާއި ޚިދުމަތުގެ ބާރުން ބާރު ލިބިގެންވާ މުސްތަޤުބަލަކަށް މަސައްކަތްކުރުމުގެ އަޒުމް އައުކުރައްވަމުން، ފުން ޝުކުރަކާއި އައު ޒިންމާތަކަކާއެކު މި ޝަރަފު ޤަބޫލުފުޅުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

-01.jpg&w=3840&q=75)
