ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
21 އޮކްޓޯބަރު 2026 - 05:55

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު، ސެނެޓަރު މުޙައްމަދު އިސްޙާޤު ދާރު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައެވެ.
މި ބައްދަލުކުރެއްވުމުގައި، ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރުދާރީ އަދި ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ހެޔޮއެދުންތަކާއި ސަލާމް، ބޮޑުވަޒީރުގެ ނައިބު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ރައްދުކުރައްވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
.png&w=750&q=75)
Ad by Hajj Corporation
ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރުގެ ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެވިދާނެ މުހިންމު ދާއިރާތަކަށް އަލިއަޅުއްވާލެއްވިއެވެ. އޭގެ ތެރޭގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއާއި، ތަޢުލީމީ ދާއިރާގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ޕާކިސްތާނުން ދޭ މެހެމާންދާރީއަށް ޝުކުރު އަދާކުރައްވައި، ގުޅުންތައް އިތުރަށް ބަދަހިކޮށް، އެއްބާރުލުން ދިނުމުގެ އާ ފުރުސަތުތައް ހޯދުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.
މިއީ ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ ރައީސަކު، ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މިދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައި މިވަނީ، ރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތުގަ އެވެ.
ރާއްޖެއާއި ޕާކިސްތާނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރެވުނީ 26 ޖުލައި 1966 ގައެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، އަދި ސަރުކާރުގެ އިސް ވެރިން ހިމެނޭ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

-01.jpg&w=3840&q=75)
