ރަސްމާލެއިން ބޭރު މީހުންނަށް ރައްޔިތުކަމެއް ނުލިބޭނެ، އެތާ އެހެން ދީންތަކަށް ފުރުސަތެއް ވެސް ނޯންނާނެ: ރައީސް
20 އޮކްޓޯބަރު 2026 - 11:02

ރަސްމާލޭގައި އީގަލް ހިލްސްއިން ތަރައްޤީކުރާ ސަރަޙައްދުގައި ބޭރު މީހުންނަށް ރައްޔިތުކަމެއް ނުލިބޭނެކަމަށާއި، އެހެން ދީންތަކަށް އެއްވެސް ފުރުޞަތެއް ނޯންނާނެ ކަމަށާއި އަދި އެތަނުގައި ހިނގާނީ ދިވެހިރާއްޖޭގެ ޤާނޫނު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރަސްމާލޭގެ ތަރައްޤީއާ ގުޅޭގޮތުން "ދަ ޕަލްސް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މާލެ ސަރަޙައްދާ ކައިރީގައި ބިދޭސީ އާބާދީއެއް އުފެދުމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކުގެ ކަންބޮޑުވުންތަކަށް ޖަވާބުދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެ ސަރަޙައްދުގައި ބިދޭސީ އާބާދީއެއް އޮވެ އެހެން ދީންތަކަށް ފުރުޞަތު ލިބޭނެ ކަމަށް ބުނެ ދައްކަނީ އެއްވެސް އަސާސެއް ނެތް ސިޔާސީ ވާހަކަތަކެއް ކަމަށެވެ. އަދި ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމަކަށްވެފައި، އެއްވަގުތެއްގައި 2 ލައްކައެއްހައި ފަތުރުވެރިން އަބަދުވެސް ރާއްޖޭގައި ތިބޭއިރުވެސް އެފަރާތްތަކަށް ދީނީ ކަންކަން ކުރުމުގެ ފުރުޞަތު ނޯންނަކަން ރައީސް ފާހަގަކުރެއްވިއެވެ.
.png&w=750&q=75)
Ad by Hajj Corporation
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރިސޯޓުތަކުގައި ފަތުރުވެރިން ތިބި ނަމަވެސް އެތަންތަނުގައި އެހެން ދީންތަކުގެ އަޅުކަންކުރާ އިމާރާތްތައް ނުހުންނަ ކަމަށާއި ހުންނަނީ މިސްކިތްތައް ކަމަށެވެ. އަދި ރަސްމާލޭގައިވެސް ހުންނާނީ މިސްކިތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން، ރާއްޖޭގެ މަސައްކަތްތެރި ބިދޭސީންގެ އެންމެ ބޮޑު އާބާދީއެއް ކަމަށްވާ ލައްކައެއް ނުވަތަ ދެ ލައްކައެއްހައި މީހުން މިހާރުވެސް ދިރިއުޅެނީ މާލެ ސަރަޙައްދުގައި ކަމަށާއި، ސިޔާސީ ގޮތުން މިކަމާ ވާހަކަދައްކާ ފަރާތްތަކުން އެ ހަޤީޤަތަށް ރިޢާޔަތް ނުކުރާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރަސްމާލޭގައި ބޭރުގެ ބަޔަކު ދާއިމަށް ވަޒަންވެރިވެ ކިޔަވައިދިނުމާއި އެހެން ދީންތަކުގެ ބިނާތައް ހަދަން ފުރުޞަތު ދޭނެ ކަމަށް ބުނެ ދައްކާ ވާހަކަތައްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދޮގުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ރަސްމާލޭގައި ތަރައްޤީކުރާ ތަންތަން ގަންނަ ފަރާތްތަކާއި ޒިޔާރަތްކުރާ ފަތުރުވެރިން އެތަންތަނަށް އައިސްފައި ދާނެ ކަމަށާއި، އެތަނުގައި އެފަދަ ފަރާތްތަކުގެ ދީނީ އެއްވެސް ކަމަކަށް ޖާގަ ނޯންނާނެ ކަމަށެވެ. އަދި އެތަނުގައި ސްކޫލެއް ނުހުންނާނެ ކަމަށާއި، ހުންނާނީ ދިވެހި ފުލުހުންގެ މަރުކަޒެއް ކަމަށްވެސް އެމަނިކުފާނު ސާފުކޮށްދެއްވިއެވެ.
މީގެއިތުރުން، މި މަޝްރޫޢުގެ ތެރެއިން އެއްވެސް ބޭރު މީހަކަށް ދިވެހި ރައްޔިތުކަން ނުލިބޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި މަޝްރޫޢުގެ ކަންކަން ތަންފީޒު ކުރުމަށްޓަކައި ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އެކުލަވާލެވޭނެ ކަމަށެވެ.
ރަސްމާލޭގެ ގާތްގަނޑަކަށް 1000 ހެކްޓަރުގެ ބިމުގެ ތެރެއިން 500 ހެކްޓަރުގައި ތަރައްޤީކުރާ "މޯލްޑިވްސް ވޯޓަރ ފްރޮންޓް އެންޑް މެރީނާ" މަޝްރޫޢަކީ 20 ބިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމެންޓެކެވެ.

-01.jpg&w=3840&q=75)
